އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ.
މޯދީ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ،
މިއަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25-26 އަށް ކަމަށެވެ.
”މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ އެވެ.“ ރައީސް އޮފީހުން ބުންޏެވެ.
މޯދީގެ ދަތުރުފުޅުގެ ތެރެއިން އިންޑިއާއިން ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
”މި ދަތުރާއި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ކަމެކެވެ.“ ރައީސް އޮފީހުން ބުންޏެވެ.
މިއީ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މޯދީ ބައިވެރިވެވަޑައިގަންނަވާ އެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު 7، 2024، ގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.