އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަ ކުރުމުގެގޮތުން ބާއްވާ "ރަން ރީނދޫ ދުވުން" އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ސެންޓްރަލް ޕާކު ވަަށައިގެން އޮންނަ މަގުގައި ރަންދީދޫ ދުވުން ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމުމާއި ގުޅިގެން އެދުވުން މާދަމާ ނޯންނާނެ ކަމަށްމަށްވެސް ބުނެފައިވެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައި އޮންނަ ސަރަހައްދުގައި ދުވުން ކުރިއަށް ގެންދަން އެޗްޑީސީން ހުއްދަ ނުދިންކަމަށް ބުނެ، މީގެ ކުރިން އެމްޑީޕީން އެދުވުން ބާއްވަން ނިންމާފައި އޮތީ މާލޭގެ މަޖިދީމަގުގައެވެ. މީގެކުރިން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ސެންޓްރަލްޕާކް ވަށައި ދުވުން ބޭއްވުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތީން އެޗްޑީސީއަށް ސިޓީ ފޮނުވި ކަމަށެވެ.
ފުރަތަމަ ސިޓީ ފޮނުވީ 22 ޖޫންގައި ކަމަށާއި، ދެވަނަ ސިޓީ ފޮނުވީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެސަރަހައްދުގައި ދުވުން ބާއްވަން ހުއްދަ ނުދެއްވައި އެ ހަރަކާތް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައި ބާއްވަން އެޗްޑީސީން އެދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އޭރު ވިދާޅުވީ، އެކަމާ ގުޅިގެން އަންނަ ހުކުރު ދުވަހު ބާއްވަން އޮތް ދުވުން، ހުއްދައަކާއި ނުލައި މިމަހު 25 ވަނަ ދުވަހު މާލޭ މަޖީދީމަގުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ހަސަންލަތީފް ވިދާޅުވީ ވޭތުވެދިޔަ 20 އަހަދު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެމްޑީޕީ އިން ކޮށްދީފައިވާ އެކިއެކި ހިދުމަތްކާއި، އެމްޑީޕީން ހޯދައިދީފައިވާ ކާމިޔާބީތަކާއި ހިދުމަތްތަކާއި ތަރައްގީ ރަމްޒުކޮށްދޭ ދަންމަރެއް މި ދުވުމުގައި ބޭނުންކުރާނެ ކަމަށެވެ. ނަމަވެސް އެދުވުން އޯގަސްޓް އެކަކަށް ބަދަލު ކުރުމާ ގުޅިގެން ދުވުމާބެހޭ އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސް ތަކުގައި ހާމަ ކުރާނެ ކަމަށް އެމްޑީޕީިން ވަނީ ބުނެފައެވެ.