މި ސަރުކާރުން ވަނީ އިންޑިއާއަކީ ތެދުވެރި ރަހުމަތްތެރިއެއްކަން ގަބޫލުކޮށްފައި ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ "އޭންއެންއައި" އަށް މިއަދު ދެއްވި އިންޓަވިއެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ވަށައިގެން އޮތް ބޮޑު އިގްތިސޯދީ މާކެޓުގެ ފައިދާ ނަގައިގަތުމަށްޓަކައި، ހާއްސަކޮށް އިންޑިއާގައި މިހާރު ކުރިއަށްދާ އިގްތިސޯދީ ކުރިއެރުމުގެ ބޭނުން ހިފުމަކީ ތަބީއީކަމެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއަށް އިންޑިއާގެ ބޮޑުވަޒީރު ކުރައްވާ ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމަށް އަންނާނެ މުހިންމު ބަދަލެއް ކަމަށެވެ. އަދި އިންޑިއާގެ ބޮޑުވަޒީރުގެ މި ޒިޔާރަތަކީ ދެ ގައުމުގެ ގުޅުމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، ގުޅުން ރަނގަޅުވާނެ ދަތުރުފުޅެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"މިހާރުގެ ދިވެހި ސަރުކާރުން އިންޑިއާއަކީ ތެދުވެރި ރަޙްމަތްތެރިއެއްކަން، އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރަނީ އަވައްޓެރި ގައުމުތަކުގެ މަސްލަހަތަށް ކަމަށް ގަބޫލުކުރޭ. އިންޑިއާގެ ކިބައިގައި ނުބައި ނިޔަތެއް ނެތްކަން މި ސަރުކާރުން ގަބޫލުކުރޭ" ޝާހިދު ވިދާޅުވި އެވެ.
ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް އާ ފެށުމަކަށް ވެގެންދާނެ ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އާ މަގެއް ހުޅުވިގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ރާއްކެއާއެކު ތެދުވެރި ރަޙްމަތްތެރިއަކު އޮތުމަށްޓަކައި، ސިޔާސީ ޕާޓީތަކާއި ލީޑަރުން ސިޔާސީ ފައިދާއަށްޓަކައި އަވައްޓެރި ގައުމުތައް "ބޮކްސިން ބޭގެއް"ގެ ގޮތުގައި ބޭނުން ކުރުން ހުއްޓާލަންޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.