ކައުންސިލު ތަކަށް ފެނާއި ނަރުދަމާގެ މާލީ އެހީ ދިނުން ހުއްޓާލަން ސަރުކާރުން ހުށަހަޅައިފި

ކައުންސިލު ތަކަށް ފެނާއި ނަރުދަމާގެ މާލީ އެހީ ދިނުން ހުއްޓާލަން ސަރުކާރުން ހުށަހަޅައިފި

ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލް ތަކަށްދޭ މާލީ އެހީތެރިކަން ނުދިނުމަށް "ފެނާއި މަރުދަމާގެ ގާނޫން" އަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދެވެ.

އެ ގާނޫނުގެ 8 ވަނަ މާއްދާގެ (ގ) ގައި މިހާރު ބުނަނީ، ފެނާއި ނަރުދަމާގެ ހިދުމަތާއި ގުޅޭގޮތުން ކައުންސިލް ތަކަށް މާލީ އެހިތެރިކަމާއި ލަފައާއި އިރުޝާދު ދިނުމާއި ކައުންސިލް ތަކުގެ ގާބިލުކަން އިތުރު ކުރުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަންވާނެ ކަަމަށެވެ.

ނަމަވެސް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، އެ މާއްދާގައި ހިމެނޭ، "މާލީ އެހީ ދިނުން" މި ޖުމްލަ ގާނޫނުން އުނިކުރަން ވަނީ ހިމަނައިފައެވެ.  ފެނާއި ނަރުދަމާ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއް ކުރާ ފަރާތެއްގެ އަދަބަކީ 1،000،000 ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން އާ ޖޫރިމިނާއެއްގެ ގޮތުގައި، ބިމުގެ ފެންފަށަލަ ތަޣައްޔަރު ވާފަދަ އަމަލެއް ކޮށްފިނަމަ، އެ ފަރާތެއްގެ އަދަބަކީ 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް، 54 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރަންވެސް ވަނީ ހުށަހަޅައިފައެވެ.

މި ގާނޫނުގައި މަނާކަމެއް ކަމުގައި ކަނޑައަޅާފައިވާ، އެހެން ނަމަވެސް ކަނޑައެޅިގެން ވަކިއަދަބެއް ބަޔާން ކޮށްފައިނުވާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 5000 ރުފިޔާ އާއި 1 ލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށްވެސް ހިމަނާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *