ނ. ފޮއްދޫ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ފޮއްދިއްޕަރު ފަޅުގެ ނަފާ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
ނ. ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެ މަނިކުފާނު ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ހިމާޔަތްކޮށްފައިވާ މުހިންމު ތަނަކަށްވާތީ، މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ހަދާ މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން އެފަޅު ބަލަހައްޓާ އަދި އެފަޅުން ކައުންސިލަށް އާމްދަނީ ލިބޭނެ ނިޒާމެއް އެގްރިމަންޓެއްގެ ދަށުން ހަމަޖައްސަވައިދެއްވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށްޓަކައި މިއަދު ފެށި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައްޔިތުން އެދޭފަދައިން އެ މަޝްރޫޢުތައް ނިމިގެންދާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ފޮއްދޫގެ ރައްޔިތުންގެ 40 އަހަރުގެ ދިގު އުއްމީދެއްކަމަށްވާ، ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މީގެ އިތުރުން ފޮއްދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ ބިންގާއަޅުއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ.
މީގެ އިތުރުން ރައްޔިތުން އެދިވަޑައިގަންނަވާ ފަދައިން، ޑޮކްޓަރީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ކަންކަން ހަމަޖައްސަވައިދެއްވައި، ޞިއްހީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު، ލެބޯޓްރީގެ ޚިދުމަތް އިތުރުކޮށް ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަވެ ކައިރި ހޮސްޕިޓަލްތަކަށް ދާންޖެހުން މަދުވެގެންދާނެ ގޮތަށް ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށް އެމަނިކުފާވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެމަނިފާނު ދެން ފޮއްދޫއަށް ވަޑައިގަންނަވާނީ މިއަދު ފެށި މަޝްރޫޢުތައް ނިމި އެކަންކަމުގެ އުފަލުގައި ރައްޔިތުންނާއިއެކު ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.