މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމުގެ އިމްކާން އޮތް ކަމަށް ގައުމީ މޫސުމާބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ދެއްވި މައުލޫމާތުގައި، ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މޫސުމުގެ ހާލަތާ ގުޅޭ ގޮތުން މެޓުން ދެއްވި އިތުރު މައުލޫމާތުގައި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެއެވެ.
މީގެއިތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ އިންޒާރު ދީފައެވެ.
ކަނޑުގެ ހާލަތާ ގުޅޭ ގޮތުން މެޓުން ވިދާޅުވެފައިވަނީ، އުތުރުގެ ކަނޑުތައް ގަދަވެ، މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. ނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.