ދަރަނިތައް ދެއްކުމަށް އެއްވެސް ދައްޗެއް ނުވާނެ ގޮތަށް ކަންކަން ރާވާލައިގެން އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އިގްތިސާދީ ގޮތުން ދިމާވި ހުރަސްތަކުން އަރައިގަނެ، ދަރި ދެއްކުމުގައި ވެސް ދަތިނުވާ ގޮތަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ.
"އެހެންވީމަ ވަރަށް ޕްލޭން ކުރެވިގެން. އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ދަތިތަކުން އަރައިގަތުމަށް އެއްވެސް ކަހަލަ ދަރަންޏެއް ދެއްކުމުގައި ދަތިތަކެއް ދިމާނުވާ ގޮތަށް ޕްލޭން ކުރުމާ އެކީގައި ރައްޔިތުންނަށް ހުރި މިކަހަލަ އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދުމުގެ ކަންކަން މި ތަރުތީބު ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ފެށި، އަންނަ އަހަރު ވައުދުވި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.