އުއްތަމަ ފަނޑިޔާރު ރިޓަޔާކޮށް ފަނޑިޔާރު ހަމީދަށް ހިންގުން ހަވާލުކުރަނީ

އުއްތަމަ ފަނޑިޔާރު ރިޓަޔާކޮށް ފަނޑިޔާރު ހަމީދަށް ހިންގުން ހަވާލުކުރަނީ

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކޮށް އުއްތަމަ ފަނޑިޔާރަކު އައްޔަން ކުރެވެން ދެން ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދަށް ހަވާލުކުރުމަށް ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ. ކޮމިޝަނުން ނިންމީ އަންނަ ހޯމަ ދުވަހު އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރެއްވުމަށެވެ.

މުއުތަސިމް ބެޗިލަ އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިންނެވެ. އަދި 1994 ވަނަ އަހަރު ސްކޮޓްލޭންޑުގެ ޔުނިވާސިޓީ އޮފް ގްލެސްގޯއިން މާސްޓަ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވެ އެވެ.

އެމަނިކުފާނު ވަނީ 1994 އިން 2001 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރައްވާފަ އެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

އޭގެފަހުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް މުއުތަސިމް މަސައްކަތް ކުރައްވާފައި ވަނީ ކްލިޕަ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގަ އެވެ.

މުއުތަސިމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ލޯ ކޮމިޝަނާއި ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައިވެ އެވެ.

ފެހި ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް މުއުތަސިމުގެ ނަންފުޅު އޭރުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އެވެ. އެ މަގާމަށް 2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތް ކުރައްވާފައިވެ އެވެ.

ދެ ވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެމަނިކުފާނު އައްޔަންކުރައްވަން ފޮނުއްވީ 2019 ވަނަ އަހަރު އެވެ. އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެމަނިކުފާނުގެ ނަންފުޅު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އެވެ. މަގާމުގެ ހުވާކުރެއްވީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *