ރަހުމްކުޑަކޮށް މަލާރާފައިވާ އއ. މާޅޮހު 65 އަހަރުގެ އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިޔާއަށް ގެންދަން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ އަބްދުއްރަޙްމާންގެ ހަށިގަނޑު އިންޑިޔާއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. މާޅޮހުގައި އަނިޔާވެރި ހަމަލާއެއްދީ މަރާލި އަބްދުއްރަޙްމާންގެ ހަށިގަނޑު މިވަގުތު އޮތީ މާލޭގައެވެ. ހަށިގަނޑު މާލެ ގެނައީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އަބްދުއްރަޙްމާން މަރާލާފައި ވަނީ އޭނާގެ ބޮލަށް ހަމަލާދީގެންނެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑު ދަންވަރު އެގެއަށް މީހަކު ވަދެ، އޭނާ ނިދާ ކޮޓަރީގައި އޮއްވާ މަރާލުމަށްފަހު އެމީހާ ވަނީ ފިލާފައެވެ. އެގޭގައި އެވަގުތު ތިބީ އަބްދުއްރަޙްމާން އާއި އޭނާގެ އަނބިމީހާ އެކަނި ކަމަށްވެއެވެ. އޭނާގެ އަނބިމީހާ ބުނީ ހޭލެވުނީ މީހަކު ފިލަންދުވި އަޑަށް ކަމަށެވެ.
ލިބުނު އަނިޔާ ތަކަށް ފަރުވާ ދިނުމަށް މާޅޮހު ސިއްޙީ މަރުކަޒަށް އެރޭ ގެންގޮސް ފަރުވާ ދެމުންދަނިކޮށް އަބްދުއްރަޙްމާން މަރުވީ ފަތިހުގެ ވަގުތެއްގައެވެ.
ތަހުގީގު ކުރިއަށް ދިޔަނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ތުހުމަތުގައި ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް އަބްދުއްރަޙްމާނަށް ހަމަލާދިން ފަހުން އެ ގެއަށް ވަދެނުކުމެ އުޅުނު އެންމެންގެ އިނގިލީގެ ނިޝާނާއި ފައިގެ ނިޝާން ފުލުހުން ވަނީ ނަގާފައެވެ. އަދި ރަށުގެ މީހުންނާ ފުލުހުން ދަނީ ސުވާލު ކުރަމުންނެވެ.
އަބްދުއްރަޙްމާންގެ އާއިލާއިން ބުނެފައި ވަނީ އޭނާއަށް އެވަރުގެ ހަމަލާއެއް ދޭނެ މީހަކު ހުރި ކަމަށް އެނގިފައި ނެތް ކަމަށެވެ. އަދި މީހަކާ މައްސަލައެއް ޖެހިފައިވާކަންވެސް ނޭނގޭ ކަމަށެވެ.