ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވާނެ ކަމަށް އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލް އިން ބުނެފި އެވެ
އެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު ފޮނުވަން ހަމަޖެހިފައިވާކަން، އެމްއޭސީއެލްގެ އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދީފައެވެ. ކުރީގެ ރައީސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަކީ ދިވެހީންގެ ރާއްޖޭގެ އިގުތިސާދު ބަދަލުކޮށްލާނެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެ އެެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ކުރިޔަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ.
މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫއު ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއަޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލުން ބުންޏެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ. ވީއައިއޭގެ އާޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު މަޝްރޫއުގެ ބޮޑު ބައެއް ނިމުނު ނަމަވެސް ބާކީ ނުކޮށް ހުރި ގިނަ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ނިންމީ މި ސަރުކާރު އައުމަށް ފަހުގަ އެވެ.