ސްޓެލްކޯއިން ދޫކޮށްފައިވާ ފްލެޓް ތަކަށް، ފައިސާ ނުދައްކާ ފަރާތްތަކުގެ އެގްރީމެންޓްތައް ބާތިލު ކުރުމަށް އެ ކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދެއަކުން ފްލެޓް ލިބިފައިވާ ފަރާތްތަކުން ކުލީގެ ގޮތުގައި މިހާތަނަށް އެ ކުންފުންނަށް ދައްކަންޖެހޭ ފައިސާގެ މައްސަލައާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ވަނީ ބަހުސް ކޮށްފައެވެ.
މި ބައްދަލުވުމުގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ވިދާޅުވީ، ފްލެޓްތައް ދޫކުރުމުގައި ސްޓެލްކޯއިން އެގްރީމެންޓް ހަދާފައި ވަނީ، ކުލި ނުދައްކައިފިނަމަ ދަށް މުވައްޒަފުންގެ މުސާރައިން އެ ފައިސާ ކެނޑޭގޮތަށް ކަމަށެވެ.
ނަމަވެސް ކުންފުނީގެ ބޯޑު މެންބަރުންގެ ގޮތުގައާއި، ސިޔާސީ އިސް މަގާމުތަކުގައި މީގެ ކުރީން ތިއްބެވި ބޭފުޅުންގެ އަތުން އެގޮތަށް ކުލީގެ ފައިސާ ކެނޑޭގޮތަށް ނެތުމުން އެއީ ހަމަހަމަ އެގްރީމެންޓެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ކުލި ނުދައްކާ ދެލައްކަ ތިންލައްކަ ރުފިޔާއަށް އަރާއިރު އެ ފަރާތްތަކަށް ލުއިތައް ދީފަ ބޭތިއްބުމަކީ އިންސާފެއް ނޫން ކަމަށާއި އެފަރާތްތަކަށް އެކަން އަންގައި އެގްރީމެންޓްތައް ބާތިލު ކުރަންޖެހޭ ކަމަށްވެސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، މުވައްޒަފުންގެ މުސާރައިން ކުލީގެ ފައިސާ ކެނޑޭގޮތަށާއި، އިސް ފަރާތަކުން އެ ފައިސާ ނުކެނޑޭ ގޮތަށް އޮތުމަކީ، އެ ފަރާތްތަކާއެކު އެގްރީމެންޓް ހަދާފައިވާ ގޮތް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ އެގްރީމެންޓްގެ ތެެރެއަށް ކޮމެޓީން ވަނުމުގެ ބަދަލުގައި އެހެން ގޮތަކުން އެފައިސާ ހޯދަން މަސައްކަތް ކުރުން ރަނގަޅުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެކި ފަރާތްތަކުން ސްޓެލްކޯއަށް ލިބެން ހުރި ފައިސާ ހޯދަން އެކުންފުނިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓް ބިލަށް ނުދައްކާ ފައިސާ ހޯދުމަށް ބާރު އެޅުމުގެގޮތުން، އެފަދަ ތަންތަނުން ކަރަންޓު ކަނޑާލާ ކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެގޮތަށް ކުލި ދައްކަންދެން، ކުލި ނުދައްކާ ފްލެޓްތަކުން ކަރަންޓް ކަނޑާލުމަކީ ސްޓެލްކޯއަށް ކުރެވިދާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފައިސާ ނުދައްކާ ފްލެތްތަކުން ކަރަންޓް ކަނޑާލަށް ހުށަހަަޅުއްވާ ކަމަށެވެ. އޭރުން ފައިސާ ދައްކަން މަޖުބޫރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރެއްވިއެވެ.
ނަމަވެސް ކެލާ ދާއިރާގެ މެންބަރު ހުށަހެޅުއްވީ، ކުލި ނުދައްކާ ފްލެޓްތައް ދޫކޮށްފައިވާ ފަރާތްތަކަށް، އެގްރީމެންޓްގައިވާ ގޮތަށް، ކުލި ދައްކަން އެންގުމަށްފަހު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ތާއީދު ކުރުމުންނެވެ.