ޑިންގީއެއްގައި ފުރައިގެން ދިޔަ ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި ގދ. ގައްދޫން އެ މީހާ ޑިންގީއެއްގައި ފުރައިގެން ދިޔައީ މިއަދު ހެނދުނު 9:30 ހާއިރެވެ. އޭނާ ފުރީ ގައްދޫއާ ޖެހިގެން ހުޅަނގަށް އޮންނަ ގަމަށެވެ.
އޭނާގެ ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓު ކުރީ މިއަދު ހަވީރު ފަހެއް ޖަހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު ގަމުން ފުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
ފުރައިގެން ދިޔައިރު އެ މީހާ ލައިގެން ހުރީ ނޫ ކުލައިގެ އަތުކުރު ގަމީހަކާއި ކަޅު ކުލައިގެ ޝޯޓެއް ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓްގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަދި ގަމާއި ގަން ކައިރީ ފަޅުރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.