އާ ޓާމިނަލްގެ ރީތިކަމުގެ ކްރެޑިޓް ދޭންޖެހޭނީ އެމްޑީފީގެ ސަރުކާރަށް: އަމީރު

އާ ޓާމިނަލްގެ ރީތިކަމުގެ ކްރެޑިޓް ދޭންޖެހޭނީ އެމްޑީފީގެ ސަރުކާރަށް: އަމީރު

ވީއައިއޭގެ އާ ޓާމިނަލުގެ މަސައްކަތުގެ އަދި ރީތިކަމުގެ ކްރެޑިޓް ދޭން ޖެހޭނީ ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ މިހާރު ފެންނަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އާ ޓާމިނަލްގެ ކްރެޑިޓް ނަންގަންވަން މަސައްކަތްކުރާ މަންޒަރު ކަމަށެވެ.

ނަމަވެސް އަމީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ޔާމީންގެ ސަރުކާރުގައި އޮތީ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތައް ބޭނުންވާ 250 މިލިއަން ޑޮލަރު ހޯދައިފައި ކަމަށެވެ. އަމީރު ވިދާޅުވީ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތްތަކާ ހިސާބުން ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު އެ މަޝްރޫއު އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށެވެ.
ޓާމިނަލްގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި ވަރަށް ގިނަ މައްސަަލަތަކެއް ހުރުމުން މަސައްކަތް ހަވާލުކޮށްފައި އޮތް ކުންފުންޏާއި ސަރުކާރާ އަދި ފައިސާ ދޭ ފަރާތްތަކާ އެކު އޭރު ވަރަށް ގިނަ މައްސަލަތަކެއް ޖެހިފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު އަނެއްކާވެސް ފައިސާ ދޭ ފަރާތްތަކާއި އެ މަސައްކަތްކުރާ ކުންފުންޏާ ވާހަކަދައްކައި އެ މައްސަލަ ހައްލުކޮށް، އިތުރު އެޑެންޑަމެއްގައި ސޮއިކޮށްގެން ޓާމިނަލްގެ މަސައްކަތް ފަށައި ކުރިއަށް ގެންދެވިކަމަށް އަމީރު ވިދާޅުވިއެވެ.
އޭރު ޓާމިނަލްގެ ޑިޒައިން އޮތީ ކޮންޓެއިނާއެއް ސިފަފާ ގޮތަށް ކަމަށާާއި ނަމަވެސް އެ ޑިޒައިން ބަދަލުކުރަން ނިންމައި،  އެތެރޭގެ ޑިޒައިންތައް ވެސް ބަދަލުކުރީ ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން މިދިޔަ ސަރުކާރުންކަމަށް އަމީރު ވިދާޅުވިއެވެ.
ކޮވިޑުގެ ބަލިމަޑުކަމަށް އެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު 500 މިލިއަން ޑޮލަރުގެ އެ މަސައްކަތަށް ބޭނުންވާ 200 މިލިއަން ޑޮލަރުގެ ހުރިހާ މަސައްކަތްތަކެއް ވެސް ކޮށްފައި އޮންނާނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުންކަމަށް އަމީރު ވިދާޅުވިއެވެ.
”އެހެންވީމާ މިހާރު ތިފެންނަ ރީތި ޕެސެންޖާ ޓާމިނަލް އަދި އެތެރޭގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް ވެސް ހުރިހާ މަސައްކަތެއްގެ ފުރިހަމަ ކްރެޑިޓެއް ދެވޭނީ މިދިޔަ ސަރުކާރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް،“ އަމީރު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *