ގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އާ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރަން ފަށައިފި

ގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އާ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރަން ފަށައިފި

ގުޅީފަޅުން "ބިންވެރިޔާ ސްކީމް" (އުސޫލު ނަންބަރު G-19/2022) ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާތީ، އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެކަމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުސަތު "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޖުލައި 1 އިން ފެށިގެން ހުޅުވާލާފައިވާއިރު، އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން ޖުލައި 07 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ކުރިއަށްދާނެ އެވެ.

ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން، މޭ 30 ވި ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ވަނީ ގުރުއަތުލުމެއް ބާއްވާފަ އެވެ. އެ ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލުވެ، ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އުވިގެންގޮސްފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި އޭރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑައި ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *