ކާށިދޫ ކަނޑަށް މިދިޔަ ބުދަ ދުވަހު ބަންޑުން ޖަހައިލި، ސިވެކްގެ ކޮޅުވެއްޓިން ގެއްލުނު ބިދޭސީ މީހާ އޮތީ މިހާރު، ކަނޑުއަޑީގެ 550 މީޓަރު ފުނުގައި އޮތް އެ ކޮޅުވެއްޓީގެ އިންޖީން ރޫމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
ކޮޅުވެއްޓި ބަންޑުން ޖާހާލީ އޭގެއިން ތިން ސިފައިންނާއި ތިން ބިދޭސީއަކު، މާލެއިން ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ސިފައިންގެ މީހަކު ނިޔާވި އެވެ. ނިޔާވީ، ވޮރަންޓް އޮފިސަރު ދޭއް، ތ. ހިރިލަންދޫ ސީރީނުގެ އަލީ ހާމިދެވެ. އަދި ތިން ބިދޭސީންގެ ތެރެއިން އެކަކު ގެއްލުނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު ބިދޭސީ މީހާ، އޮތް ތަން މިހާރު އެނގުނަސް ހަށިގަނޑު ނެނގޭގޮތް ވެފައިނުވާ ކަމަށެވެ.
"ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލާފައިވާ ލޭންޑިން ކްރާފްޓުގެ ވީލްހައުސް ތެރެއިންނެވެ. އަދި ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓް ފެތިފައިވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާ އެއް މޭލު ދުރުން، 550 މީޓަރު އަޑިއަށެވެ..،" އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި ދިޔަވާން ފަށައި، ކުއްލިއަކަށް އަރިއަޅައިލުމުގެ ސަބަބުން ބަންޑުން ޖަހާލީ ކަމަށް އެ އުޅަނދުގެ ކެޕްޓަން ބުނެފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި ގޮތް ބެލުމަށް ޓަކައި އެތެރޭގެ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.