ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓިގައި ތިއްބެވި އެންމެހައި ބޭފުޅުން އެކީ އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން މިއަދު ނިންމަވައިފިއެވެ.
ޑިމޮކްރެސް އެގޮތުން ނިންމާފައިވަނީ މިއަދު އެ ޕާޓީން ބޭއްވި ނެޝަނަލް އެސެމްބްލީގައި ފާސްކުރި ގަރާރަކުންނެވެ.
އެ ގަރާރަކީ ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ޑިމޮކްރެޓްސްގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅުއްވި ގަރާރެކެވެ.
”ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،“ ހަމްދާ ހުށަހެޅުއްވި ގަރާރުގައިވެ އެވެ.
ހަމްދާ ހުށަހެޅުއްވި ގަރާރު ފާސްކުރަން އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ގިނަ ބަޔަކު ވަނީ ތާއީދުކޮށްފަ އެވެ.
ޑިމޮކްރެޓްސް އެދަފަ ގަރާރެއް ފާސްކުރިއިރު ނަޝީދު ވަނީ މިފަހުން ރާއްޖެ ވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ހިމެނޭހެން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.
ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.
ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ އިބޫއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ”ފިކުރެއްގެ ދިރުން“ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވައިގެން ނަޝީދު މަސައްކަތް ކުރެއްވި އެވެ.
އަދި 18 އަހަރަށްފަހު 21 ޖޫން 2023 ގައި ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އޭރު އެ މަނިކުފާނު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ނަޝީދު ދެން ގުޅިވަޑައިގަތީ އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އާއެވެ. އޭގެ ކުރިން ނަޝީދު ވަނީ އެމްޑީޕީ ”އަތުލަން“ ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.