ވެރިކަން ކުރަން 5 އަހަރު މަދު، އިތުރު 5 އަހަރު ރައީސް މުއިއްޒަށް ދޭންޖެހޭ: މުހަންމަދު

ވެރިކަން ކުރަން 5 އަހަރު މަދު، އިތުރު 5 އަހަރު ރައީސް މުއިއްޒަށް ދޭންޖެހޭ: މުހަންމަދު

ފަސް އަހަރަކީ ތަރައްގީއަށް ކުރަން ހުންނަ ހުރިހާ ކަމެއް ފުއްދޭވަރުގެ ވެރިކަމުގެ މުއްދަތެއް ނޫން ކަމަށާއި، އެހެންވެ އިތުރު ފަސް އަހަރުގެ މުއްދަތެއް ރައީސް ޑރ. މުހަންމަދު މުއިއްޒަށް ދިނުމަކީ ގައުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހަންމަދު ވިދާޅުވީ، މިހާރު އޮންނަ ގޮތުން ރިޔާސީ ދައުރެއްގެ އެންމެ ދިގުމިނަކީ ފަސް އަހަރު ކަމަށެވެ. ނަމަވެސް އެ މުއްދަތަކީ ތަރައްގީގެ މަޝްރޫއުތައް ފަށައި ނިންމަން ކުރު މުއްދަތެއް ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އާންމުކޮށް މަޝްރޫއުތައް ހިންގާނެ ގޮތުގެ ޕްލޭންތައް ހަދައި، ފައިސާ ހޯދައިނިމޭއިރު އޮންނަނީ ދައުރު ދެބައިވެފައި ކަމަށެވެ. އަދި މަޝްރޫއުތައް ހިންގަން ފައިސާ ހޯދަން ލިބެނީ ދޮޅުއަހަރެއްހާ ދުވަސް ކަމަށެވެ.

ނަމަވެސް، އޭރަކު ހުންނަވާ ރައީސަކަށް އިތުރު ފަސް އަހަރު ރައްޔިތުން ދީފިނަމަ، މަޝްރޫއުތައް ފުރިހަމަވެގެންދާނެ ކަމަށް މުހަންމަދު ވިދާޅުވިއެވެ. މި ސަބަބުތަކާހުރެ ރައީސް މުއިއްޒަށްވެސް ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ ހުރިހާ މަޝްރޫއެއް ނިންމާލުން ދަތިވާނެ ކަމަށާއި، ވީމާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ޑރ. މުޙަންމަދު މުއިއްޒަށް ކާމިޔާބުކޮށް ދިނުމަކީ ގައުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް މުހަންމަދު ވިދާޅުވިއެވެ.

މުހަންމަދު ރޭ މިހެން ވިދާޅުވިއިރު، މީގެކުރިންވެސް ޕީއެންސީގެ ބަޔެއް މެމްބަރުން ވަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *