ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި މިއަދު ބާއްވައިފިއެވެ.
ޝައިޚް ފަރީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު، މެލޭޝިޔާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައެވެ. އެއަށްފަހު ޝައިޚްގެ ހަށިކޮޅު ވަޅުލާފައި ވަނީ މެލޭޝިޔާގެ ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ. ކަށުނަމާދާއި ޖަނާޒާގައި ޝައިޚްގެ އާއިލާގެ ބަޔެއް ބޭފުޅުންނާއި މެލޭޝިޔާގައި ދިރިއުޅޭ، އަދި މެލޭޝިޔާއަށް މިވަގުތު ގޮސްތިބި ބަޔެއް ދިވެހިންވެސް ބައިވެރިވެފައިވެއެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިއަދު މެލޭޝިޔާގައި ޝައިޚް ފަރީދުގެ ޖަނާޒާ ބާއްވާފައިވާއިރު، އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު ޝައިޚްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޮންނާނެއެވެ.
ޝައިޚް ފަރީދު އަވަހާރަވީ، ދީނީ ދަރުސެއް ދިނުމަށް މެލޭޝިޔާއަށް ވަޑައިގެން އެއާޕޯޓަށް ފައިބައިވަޑައިގެންނެވި ތަނުން ވެއްޓިވަޑައިގަތުމާއި ގުޅިގެން އަވަސް ފަރުވާ ދެމުންދަނިކޮށެވެ. ޝައިޚް ފަރީދަކީ ރާއްޖޭގެ އެތައް ބަޔެއްގެ ލޯބި ލިބިފައިވާ އިލްމްވެރިއެކެވެ.