ހައްޖަށް ދަނީ ކޯޓާގައެއް ނޫން، ސައުދީގެ ހާއްސަ ދައުވަތަކަށް: ރައީސް

ހައްޖަށް ދަނީ ކޯޓާގައެއް ނޫން، ސައުދީގެ ހާއްސަ ދައުވަތަކަށް: ރައީސް

މި އަހަރުގެ ހައްޖުގެ އަޅުކަމަށް އެމަނިކުފާނު ވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދީފައިވާ ރަސްމީ ކޯޓާގެ ތެރެއިން ނޫން ކަމަށާއި އެ ގައުމުގެ މެހެމާންދާރީގެ ތެރެއިން ރޯޔަލް ކޯޓާއިން ހަމަޖައްސައިދީފައިވާ ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައްޖަށް ވަޑައިގަންނަވަނީ ސައޫދީން ދިވެހިންނަށް ދޫކުރާ 1،000 ކޯޓާގެ ތެރެއިން ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ހަތް ވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ އަޅުކަމަކާ ގުޅުވައި އެފަދަ ދޮގު ވާހަކަތަކެއް ދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ.

"މިއީ ދެން ދެރަކަމެއް ދޮގެއްތޯ؟ މިކަހަލަ ވާހަކަތައް، ދެން އާންމުކޮށް ވެސް މީހުން ދޮގުހަދައިގެން ވާހަކަ ދައްކައި އުޅޭ އުޅުން، ދެރަކަމެއް ހަމަ އިނގޭތޯ. އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ހައްޖަށް ވަޑައިގަންނަވަނީ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެސް ދެމުން އަންނަ ހާއްސަ ފުރުސަތުތަކުގެ ދަށުން ކަމުގަ އެވެ. އެއީ ރަސްމީ ކޯޓާގެ ތެރެއިން ހިނގާ ކަމެއް ނޫން ކަމުގައި ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ވަރަށް ހާއްސަ ގޮތަކަށް މި ކަންކަން ހަމަޖައްސައިދެވިފައި މި އޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖްކޮށް ހަމަޖައްސައިދީފައި އިނގޭތޯ. ދެން އެއީ ވެސް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓާ އެއްވެސް ނުކުރަން. ހަމަ ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯޓާގެ އިތުރުން ދަތުުރުފުޅުގެ ކަންކަމަށް ވެސް ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ. ސައުދީ މެހެމާންދާރީގެ ތެރެއިން ރޯޔަލް ކޯޓާއިން ހަމަޖައްސައިދީފައި ކަންކަމަށް ރައީސް ވަނީ އެ ގައުމުގެ ރަސްގެފާނަށާއި ވަލީއަހުދަށް ޝުކުރު ދަންނަވާފަ އެވެ.

އެމަނިކުފާނު މީގެކުރިން އުމްރާއަށް ވަޑައިގެންނެވިއިރު ކަންކަން ހަމަޖައްސައިދެއްވީ އެގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"ހާއްސަ ފްލައިޓެއް ހަމަޖައްސައިދީ، އެ ބޭފުޅުން ހުރިހާ ހަރަދެއް ހަމަޖައްސައިދީފައި، އެއްވެސް ކަމެއް ސަރުކާރުން ކުރާކަށް ނުޖެހޭ. ހަމަ ވަރަށް ގާތްކޮށް ހިތަނީ އަޅުގަނޑާ ދޭތެރޭގައި. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ދޭތެރޭގައި ވެސް،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ފުރާ މީހުންގެ ތެރެއިން ފަހު ގްރޫޕް މިއަދު ފުރާއިރު ހައްޖުވެރިންނަށް ވަރަށް ފުރިހަމަ އިންތިޒާމުތަކެއް މިފަހަރު ހަމަޖައްސައިދީފައިވާ ކަމަށް ޕޮޑްކާސްޓުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *