މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލުގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވާތީ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހ. މިޓާޒު ގޭގެ ފުރާޅު މަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލް މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކުރި އެވެ. އެންމެފަހުން އިތުރުކުރި 20 ދުވަހުގެ ބަންދުގެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. އާ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ ހަވީރެވެ.
އަލުން ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޔުމްނު ވެއްޓުނު މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ރައުދުގެ މައްޗަށް ދައުވާ އުފުލުމަށް ޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު، ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދު ދީފައިވާތީ ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
ރައުދަށް ދައުވާ ކޮށްދިނުމަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.