އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވައި، ބިދޭސީން އަތުން ފޭރުނު ފައިސާއިން މުހައްމަދު ޝަމްއާން ވަހީދު، ދެ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމަށް ޕްރޮސިކިއުޓާރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށްފަހު، ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ އޮފީހުން ވަނީ ޝައްމާނަށް ތިން ދައުވާ ކޮށްފައެވެ.
ކުރިމިނަލް ކޯޓުގައި ކޮށްފައިވާ މި ދައުވާތަކުގެ ތެރެއިން މަނީ ލޯންޑްރިންގެ ދައުވާގައި ވަނީ، އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުރެ، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު 530،000 ރުފިޔާއާއެކު އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަންގްލަދޭޝްގެ މައިނުއްދީން އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކުރުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.
އަދި 13 މާރިޗް ގައި އޭނާ ބަންދުން ދޫކުރުމުން، އޭނާގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝައްމާންގެ ދަށުން މަސައްކަތްކުރާ ގ.ހެޕީސައިޑް، އިބްރާހީމް އަހްމަދަށް އެންގި ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް އެންގުމާއި ގުޅިގެން މައިނުއްދީން އަތުން 500،000 ފުރިޔާ ފޭރުމަށްފަހު، އެ ފައިސާ ޝައްމާންއަށް ގެންގޮސް ދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ، އޭނާގެ އަތުގައި ބެހެއްޓުމަށްފަހު، ހަމަ އެދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން އޭނާގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯންއަކަށް ފައިސާ ދެއްކުމަށް، ބޭންކް އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149491.46 ރުފިޔާ އަދި އަނެއް ލޯން އެކައުންޓަށް 110345.59 ޖަމާ ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީން ތަކެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގައި، ޝަމްއާންއަށް ކޮށްފައިވާ ތިން ދައުވާގެ ތެރޭގައި މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން ދެން ހިމެނެނީ ފޭރުމުގައި ބައިވެރި ވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.