ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
- 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެ އެވެ.
- ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެ އެވެ.
- ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސާކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެ އެވެ.
- އެ ގާނޫނާ ހިލާފަށް ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އެ އަތުލައިގަނެވޭ، ދުންފަތާ، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް އަދި އެފަދަ ތަކެތި އުފައްދާ މެޝިނަރީ ފަދަ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއް ކަނޑައެޅިފައިވެ އެވެ.
ރައީސް އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި ބައެއް ސުކޫލު ކުދިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސް ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، މި އިސްލާހާގުޅިގެން އަންނާނެ ބަދަލުތަކާއި ލިބޭނެ ފައިދާތަކާގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.