މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ އިތުބާރު ނެތް ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލައިގައި އަމީނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.
އެ ޕާޓީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާއެކުގައި އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
މިއަދު މެންދުރުފަހު ބޭއްވި ޖަލްސާއަށް އަމީން ހާޒިރުކޮށް ތުހުމަތުކުރެވޭ ކަންކަމާ ގުޅޭގޮތުން މެމްބަރުން ވަނީ އަމީން އާ ސުވާލު ކޮށްފައެވެ. އޭނާ ވަނީ ކުރެވޭ ތުހުމަތު ތަކަށް އިންކާރު ކުރައްވާފައެވެ.
އަސްރު ނަމާދަށް މެދުކަނޑާލުމަށް ޖަލްސާ އަލުން ފަށާފައި ހަވީރު ހަތަރެއް ޖެހިއިރެވެ. އަމީންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައި ވަނީ 11 މެމްބަރުންނެވެ. އިތުބާރު އޮތް ކަމަށް 54 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލު ކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުން ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވަޒީރުންގެ މަޖިލިހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ހިނގައިގެން އުޅޭ ހާދިސާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އަމީން އާ އާއިލީ ގޮތުން ގުޅުން ހުރި ދެ މީހަކު ހިމެނޭކަން މިނިސްޓަރުގެ އަމިއްލަ ބަހުންވެސް އެނގި ހާމަވެފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އަދި މައްސަލަ އާއި ގުޅިގެން ފުލުހުން މިހާތަނަށް އާންމުކުރި މައުލޫމާތު ތަކުންވެސް އަމީން ދިިރިއުޅުއްވާގެ ކަމަށްވާ މއ. މާންދޫގޭ ދެކުނު ގޭގައި ހާދިސާ އާ ގުޅުން ހުރި ކަންތައްތަކެއް ހިނގައި ދިޔަކަން އެނގެން އޮތްކަން ފާހަގަ ކޮށްފައިވެ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ފަރާތުން ހާދިސާގެ މައުލޫމާތު އާންމު ކުރުމުގައި، މިނިސްޓަރުގެ ގޭގެ ނަން ހާމަކޮށްފައި ނުވުމާއި އެ ގެ ބަލައި ފާސް ކުރުމަށް ހިންގުނު އޮޕަރޭޝަނާ ގުޅޭ މައުލޫމާތުވެސް ސިއްރު ކުރުމަށް މަސައްކަތް ކޮށްފައިވާކަން އެނގެން އޮތް ކަމުގަ އެވެ.
އަމީންގެ އާއިލީ މަސްލަހަތު ހިމެނޭ ފަރާތްތައް ހިމާޔަތްކޮށް، އެ ފަރާތްތަކަށް ކުރިމަތިވެދާނެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހުމުގެ ޒިންމާއިން ބަރީއަ ކުރުމަށް، ފުލުހުން ހިންގަމުންދާ ތަހުގީގަށް މިނިސްޓަރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާކަން ހާމަވާ ކަންކަން ފެންމަތި ވެފައިވާ ކަމަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
އެ ކަންކަމަކީ މަގާމުގެ ހައިސިއްޔަތުން މިނިސްޓަރަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ އަމަލުތަކެއް ކަމަށާއި އެއީ ވަޒީރުންގެ މަޖިލިހުގެ މެމްބަރަކު ކޮށްގެން ނުވާނެ ކަންތައްތައް ކަމުގައި ބަޔާން ކޮށްފައިވާކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އަމީން މިނިސްޓަރުގެ މަގާމުގައި އިތުރަށް ހުރުމަކީ އާންމުންގެ ހައްގުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމުގަ އެވެ.