ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން އެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައަށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބު ދާރީވާން ފުރުސަތު ނުދިނުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީގައި މި މައްސަލަ ބެލުމުގެ ބައްދަލުވުން ފައްޓަަވަމުން، ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، އެކަމާއިގުޅޭ ދެ މައްސަލައެއް ކޮމިޓީގައި ހިމެނޭ ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ، ފަނޑިޔާރުން ވަކިކުރަން ނިންމައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލަ އާއި، އެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން މިންމީ ގާނޫނުގައި ބުނާ އިޖުރާއަތްތަކާއި ޚިލާފަށް ކަމަށް ބުނެ، ކޮމިޓީއަށް ހާޒިރުވެގެން އެ މައްސަލައަށް ޖަވާބު ދާރީވާން ހުށަހަޅާފައިވާ މައްސަލައެވެ.
އޭގެތެރެއިން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް އެދި ހުށަހަޅުއްވާފައި ވަނީ، އަޒްމިރަލްްދާ ޒާހިރެވެ. މުގައްރިރު ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާ ގޮތުން އެކަމުގައި ކޮމިޓީން ބަލަން ޖެހެނީ، އެ މައްސަލަ ޖޭއެސްސީން ނިންމީ އިޖުރާއަތްތަކާއި އެއްގޮތަށްތޯ، ކަމަށެވެ.
އެހެން ކަމުން ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކީ ގުޅުން އޮތް، އެއްވައްތަރުގެ ދެ މައްސަަލަ ކަމުން އެ ދެ މައްސަލަ އެކުއެކީގައި ކުރިއަށް ގެންދިއުމާމެދު ކޮމިޓީން ގޮތެއް ކަނޑައަޅައި ދިނުމަށް ބަހުސް ހުޅުވައިލެއްވިއެވެ.
އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި، އެމްޑީޕީގެ ހިތަދު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ ފުރަތަމަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ ދެ މައްސަލައަކީ އިޖުރާއަތާއި ގުޅިގެން ހުށަހަޅާފައިވާ، އެއްބާވަތުގެ ދެ މައްސަލަ ކަމަށް ވިދާޅުވެ، އެ ދެ މައްސަލަ އެކުގައި ކުރިއަށް ގެންދަން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވިއެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ ތާއީދާއެކު، ނިޒާހު ހުށަހެޅުއްވި ގޮތަށް އެ މައްސަލަ އެއްކޮށް ކުރިއަށް ގެންދަން ފާސް ކުރިއެވެ. އޭގެ ފަހުން ހުޅުވައިލި ފުރުސަތުގައި އެމްޑީޕީގެ ކެންދު ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، މައްސަލަ ބަަލައި ދިނުމަށް އެދި އަޒްމިރަލްދާ ކޮމިޓީއަށް ފޮނުވި ސިޓީގައި އިޖުރާއީ ގޮތުން ފާހަަގަ ކޮށްފައިވާ ބޮޑެތި ކަންބޮޑުވުން ތަކެއް ހިމެނޭ ކަމަށެވެ.
އެގޮތުން، ޖޭއެސްސީގެ މައްޗަށް އަޒްމިރަލްދާ ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި، ގާނޫނީ ވަކީލެއްގެ އެހިތެރިކަން ނިގުޅައިގަތުމާއި، އިންސާފުން އެއްކިބާވެ، ވަކި ނަތީޖާއެއް ހާސިލް ކުރުމަށް ޖޭއެސްސީން މަސައްކަތް ކުރުމާއި، ފުރައްސާރަ ކުރުމުގެ ގޮތުން ޖޭއެސްސީގެ އިސްނެގުމަށް އެތައް އަހަރެއް ކުރިން ހިނގާފާއިވާ ހާދިސާތައް ތަހުގީގު ކުރަމުންދާ ކަމަށް ބުނުމާއި، އެ މައްސަލަ ނިންމުމުގައި، އިންސާފުން އެެއްކިބާވެ ޖޭއެސްސީ އާއި އެ މައްސަލަބެލި ޖޭއެސްސީގެ ކުޑަ ކޮމިޓީން މަސައްކަތް ކޮށްފައިވުން ހިމެނެއެވެ.
އޭގެ އިތުރުން އާއްމު ހުޅުވާލައިގެން މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން އެދިފައި ވަނިކޮށް، އަޑު އެހުންތައް ސިއްރު ކުރުމާއި، މައްސަލައިގެ ލިޔެކިއުންތައް ނުދިނުމާއި، މައުލޫމާތު ސިއްރު ކޮށްގެން އަޒްމިރަލްދާގެ ހައްގު ތަކަށް ހުރަސް އެޅުމާއި، ހުށަހަޅާފައިވާ ހެކިތަކަށް މައްސަލަ ނިންމުމުގައި ރިއާޔަތް ނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.