ޑެޕިއުޓީ ޕްރޮސިކިއުޓާރ ޖެނެރަލްގެ މަގާމަށް އައިޝަތު މުހައްމަދު، އަދި އެސިސްޓެންޓް ޕްރޮސިކިއުޓާރ ޖެނެރަލް ކަމުގެ މަގާމަށް ހުސައިން ސާމީ އައްޔަން ކުރައްވައިފިއެވެ.
ޕްރޮސިކިއުޓާރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް، އެ ބޭފުޅުން އެ މަގާމު ތަކަށް އައްޔަން ކުރެއްވި ކަމުގެ މައުލޫމާތު ހާމަ ކުރެއްވީ، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާރ އަދި މީޑިޔާ ކޯޑިނޭޓަރު ޝަފީއު އަހުމަދެވެ.
އޭނާ ވިދާޅުވީ، ޑެޕިއުޓީ ޕީޖީއަކަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދަކީ ސީނިއާރ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހުންނެވި ވަކީލެއް ކަމަށެވެ. އެއީ އެ އޮފީހުގެ އެންމެ ސީނިއާރ ވަކީލުކަން ފާހަގަ ކުރައްވައި ޝަފީއު ވިދާޅުވީ، 14 ޑިސެމްބަރު 2011 އިން ފެށިގެން ޕީޖީ އޮފީހުގައި އޭނާ ވަޒީފާ އަދާކުރަމުން ގެންދަވާފައިވާ ކަމަށެވެ.
އެ މަގާމަށް އައިޝަތު މުހައްމަދު އައްޔަން ކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި މަހްމޫދު ސަލީމާއެކު ޕީޖީ އޮފީހުގައި ދެ ޑެޕިއުޓީ ޕީޖީން ތިއްބަވާނެއެވެ.
ޝަފީއު ވިދާޅުވީ، އެސިސްޓަންޓް ޕީޖީއަކަށް އައްޔަނު ކުރި ސާމީއަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އޮފީހުގައި ވަކީލެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެެވެ.
ސާމީ އެ މަގާމަށް އައްޔަނު ކުރުމާއެކު ޕީޖީ އޮފީހުގައި ޖުމްލަ 5 އެސިސްޓަންޓް ޕީޖީން ތިއްބަވާނެއެވެ. އެއީ ސާމީގެ އިތުރުން ހުސައިން ނާޝިދު، ޝަމްރާ ޝަމީމް، އަބްދުالله ރާބިއު އަދި މަރިޔަމް ފެޒްލީން އެވެ.