ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުޙަބާ ދަންނަވާފައި ވަނީ ޕުތްރަޖާޔާގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ދެގައުމުގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތައް ބާއްވާފައިވަނީ ޕުތުރާ ޕަރްދާނާގައެވެ. މި މަޝްވަރާތަކުގައި ދެގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުސަތުތަކާއިމެދު މަޝްވަރާކުރެވުނެވެ. ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީ.އޯ.އެން) ވެސް ވަނީ ބަދަލުކޮށްފައެވެ. މި ފަހުމުނާމާތަކާއި އީ.އޯ.އެން. ތައް ބަދަލުކުރުމަށްފަހު، ދެގައުމުން ވަނީ ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުމެއްވެސް ބާއްވަވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ގައުމުން ހިއްސާކުރާ އުސޫލުތަކާއި އިގްތިސޯދީ ދާއިރާއިންނާއި ބައިނަލްއަގުވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިދަތުރުފުޅުގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުސަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025ގައި ވާހަކަފުޅު ދައްކަވާފައެވެ. މި ފޯރަމްގައި މެލޭޝިއާގެ ބޮޑުވަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހި އައި.ޑީ ކާޑުގެ ހިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާޙްކޮށްދެއްވިއެވެ.

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއްވެސް އެރުވިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރާތްކުރައްވައި، ހައިކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތް ބައްލަވާލައްވައި، އެމުވައްޒަފުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މެލޭޝިއާއަކީ އެންމެ ގިނަ ދިވެހިން އެކި ކަންކަމުގައި ދިރިއުޅޭ ޤައުމުކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށް ތަފާތުކުރުމެއް ނެތި އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދެވެން ވާނޭކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެބިނެޓް ވަޒީރުންނާއި ދައުލަތުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.