ޕީޖީގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ޕީޖީގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ޕީޖީގެ މަގާމު ހުސްވެފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭރު އޮތީ ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރަން ނިންމައިފައެވެ.

އެހެން ކަމުން ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން އަންނަ މަހުގެ 11 އާ ހަމައަށް އެ މަގާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

އެމަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އުމުރުން 25 އަހަރު ވެފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާއި އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން، އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމެވެ.

މީގެއިތުރުން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި ޝަރުއީ އަދި ޤާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތް ކުރާތާ މަދުވެގެން 4 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމާއި، ޤާނޫނީ ދާއިރާއާ ގުޅުން ހުރި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ މި ނޫން ވެސް އެފަދަ ތަނެއްގެ ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުންވެސް ހިމެނެއެވެ.

ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވުމުން، މަޖިލީހުން ފާސް ކުރާ ގޮތެއްގެ މަތިންނެވެ.

ކުރީގައި ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމް ވަކިކުރީ ބޮޑެތި ތުހުމަތު ތަކެއްކޮށް، ކުރީގެ ސަރުކާރުގެ ވެރިންނާއިގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންގޮސްފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *