ޑިވެލޮޕްމަންޓްގެ ބޭންކުގެ ޗެއާޕާސަނަކަށް ސިންގަޕޫރު ރައްޔިތެއް، ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް

ޑިވެލޮޕްމަންޓްގެ ބޭންކުގެ ޗެއާޕާސަނަކަށް ސިންގަޕޫރު ރައްޔިތެއް، ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް

ދިވެހިރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމަށް އިނގިރޭސިވިލާތުގެ ރައްޔިތެއް އަދި ޗެއާޕާސަން ކަމަށް ސިންގަޕޫރުގެ ރައްޔިތެއް، ރައީސް ޑރ މުޙަންމަދު ހަމަޖައްސަވައިފިއެވެ.

މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު އުފެއްދި މި ބޭންކްގެ ޗެއާޕާސަން ކަމަށް އައްޔަން ކުރެއްވިީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އޭނާ ވަނީ ހާވާޑް ޔުނިވާސިޓީން މާސްޓާސް އޮފް ލޯސް ހާސިލު ކުރައްވާފައެވެ.

މާލީ ކަންކަމުގެ ތަޖުރިބާއަށް ބަލާއިރު އަރުނީއަކީ 25 އަހަރުގެ މާލީ ތަޖުރިބާ ހުރި ފަރާތެކެވެ.  އަރުނީ ވަނީ އަވައްޓެރި ސްރީލަންކާގެ ބައެއް ބޭންކު ތަކުގެ އިސް މަގާމު ތަކެއްވެސް ފުރުއްވާފައެވެ.

ބޭންކްގެ ސީއީއޯ އަކަށް ރައީސް އައްޔަން ކުރެއްވީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޮޑް ޔުނިވާސިޓީން އެމް ފިލް މެނޭޖްމަންޓް ސްޓަޑީޒް ހާސިލު ކުރައްވާފައެވެ.

އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗާ ފަންޑް އުފެއްދުމުގައި އެ ފަންޑްގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުކަންވެސް ކުރައްވާފައެވެ. އަދި އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑްގެ ޗެއާރމަންކަންވެސް ކުރެއްވިއެވެ. މީގެއިތުރުން އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާގައިވެސް އުޅުއްވި ފަރާތެކެވެ.

ޗެއާޕާސަން އާއި ސީއީއޯ އައްޔަން ކުރެއްވުމުގެ އިތުރުން އެ ބޭންކްގެ ބޯޑަށްވެސް ރައީސް ވަނީ ތިން މެމްބަރަކު އައްޔަން ކުރައްވާފައެވެ. ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަން ކުރެއްވީ ދިވެއްސަކާއި އިނގިރޭސިވިލާތުގެ ރައްޔިތަކާއި ސިންގަޕޫރުގެ ރައްޔިތެކެވެ. ބޯޑަށް އައްޔަން ކުރެއްވި ދިވެއްސަކީ އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓްއެވެ.  ދެން އައްޔަން ކުރެއްވީ ސިންގަޕޫރުގެ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، އާއި އިނގިރޭސިވިލާތުގެ ރޮބާޓް ޑެނިއެލް ކާންޓްއެވެ.

މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދާނެ ކުންފުންޏެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *