ނަދީމްގެ މަރު: އާއިލާ ތަކަށް ބިރު ދައްކައި ނުފޫޒު ފޯރުވާތީ ގިނަ ހެކިން ހާޒިރެއް ނުކުރެވުނު: ދައުލަތް

ނަދީމްގެ މަރު: އާއިލާ ތަކަށް ބިރު ދައްކައި ނުފޫޒު ފޯރުވާތީ ގިނަ ހެކިން ހާޒިރެއް ނުކުރެވުނު: ދައުލަތް

2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލައިގައި ހެކިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވުމުގެ ސަބަބުން ގިނަ ސިއްރު ހެކިން ހާރިރު ކުރެވިފައިނުވާ ކަމަށް ދައުލަތުން ބުނެފިއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ކުރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސެއިން ސަލީމާއި ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން އާއި، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމުން، ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކުރިމިނަލް ކޯޓުން ކަނޑައެޅުމުން، އެ މީހުން މިނިވަންވިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މިއަދު ހައިކޯޓުގައި އޮތް މި މައްސަލައިގެ އަޑުއެހުމުގައި، ޕަބްލިކް ޕްރިސިކިއުޓާ ފާތުމަރު ނިއުޝާ ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ ހެކިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވާކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ދައުލަތުގެ ވަކީލުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ މައުލޫމާތު ހޯދައި އެ ހެކިންނަށް އެކިގޮތްތުން ނުފޫޒު ފޯރުވަމުން ގެންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އެގޮތުން ހެކިންގެ އާއިލާތަކާއި، އެ މީހުންނާ ގުޅުން ހުރި ފަރާތް ތަކަށް އެކިއެކި ނުފޫޒު ފޯރުވައި، ހަމަލަ ދިނުމަށްްރާވައި، ޕީޖީ އޮފީހަށް ސިޓީ ފޮނުވައިގެން ހެކިބަސް ބަދަލު ކުރުމަށް ހެކިންގެ އާއިލާ މީހުންނަށް އެކި ގޮތް ގޮތުން މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހިއްސާކުރި އިންޓަލިޖެންސް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އެ މައްސަލައިގައި ހިމެނޭ ގިނަހެކިން އެއްބާރުލުން ދިނުމަށް އިއުތިރާޒުކޮށް ކޮށްފައިވާ ކަމަށާއި، އެމީހުންނަށް ދިމާވެފައި އޮތް ބިރެއްގެ ސަބަބުން މިނިވަންކަމާއެކު ހެކިބަސް ދެވޭނެ ކަަމަށް ގަބޫލު ނުކުރާ ކަމަށްވެސް ވިދާޅުވިއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *