ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ކޮރަޕްޝަން މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަަމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
މައްސަލައިގެ ތަހުގީގީ މަރުހަލާފައި ގޯސް ތަކެއް ހިމެނޭކަން ފާހަގަ ކުރައްވައި، ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވި ނިންމެވުމުގައި އެކަމާބެހޭ ތަފްސީލުތައް ވަނީ ހިމަނުއްވައިފައެވެ.
އެގޮތުން އެންމެ ބޮޑަށް ގާޒީ ފާހަގަ ކުރައްވާފައި ވަނީ، ޝަރިއަތުގެ ކުރިން ޖިހާދުގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. އެއީ އެ މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް، ބަންޑާރަ ނައިބުގެ ސިޓީއަކާއި ގުޅިގެން ކުރީ ސަރުކާރުގެ އެސެޓްރިކަވަރީ ކޮމިޝަަނުން އެ މައްސަލަ އަލުން ބަލަން ނިންމި ސަބަބު ޖިހާދަށް އަންގާފައި ނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
އެކަމާގުޅުވައި ގާޒީގެ ނިންމެވުމުގައި ވަނީ، ކޮންމެ މުއައްސަސާ އަކުން ޖިނާއީ މައްސަލައެއް ތަހުގީގު ކުރިއަސް އެމީހާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އަންގައި ގާނޫނީ އިންޒާރު ދޭންޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ، މައްސަލަ ތަހުގީގު ކޮށްފައި ވަނީ އިންސާފު ވެރިކަމާއެކު، އަދި ލިބިދޭންޖެހޭ ހައްގު ތަކަށް ރައްކާތެރި ކުރެވިގެން ކަމާމެދު ސުވާލު އުފެދި، މައްސަލައަށް އެކަމުގެ އަސަރު ކުރާނެ ކަމަށްވެސްް ފާހަގަ ކޮށްފައިވެއެވެ.
އޭގެއިތުރުން މިދިޔަ ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބެލީ، އޭގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލައި، ނިންމާފައި ވަނިކޮށް ކަމަށްވާއިރު، ހަމަ އެ މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައިނުވާ ކަމަށްވެސް ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މައްސަލައިގެ ތަހުގީގުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ބަލާފައި ވާއިރު، އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށްވާއިރު، އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް އެ ނިންމުމުގައިވެއެވެ.
ގާޒީ ވިދާޅުވެފައި ވަނީ އެކަންތއްތަކަށް ބައްލައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ ކަމަށެވެ. އެ މައްސަލައިގައި ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން އޭރު ބުނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާ ގޮތަށް ޖޮއިންޓު ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން އޭރު ބުންޏެވެ.
އެ އޮފީހުން އޭރު ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓު ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާ އިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެ އެވެ. މީގެ އިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ އެވެ،" ޕީޖީން ކުރިން ބުނެފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ އެވެ. ނަމަވެސް ޖިހާދު އަމަލު ކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.