ސަރުކާރަށް ޚިދުމަތްކުރި މުއްދަތު ހިމަނައިގެން ނަޒީރަށް އިނާޔަތް ހިސާބު ކުރުން ރަނގަޅު: ހައިކޯޓު

ސަރުކާރަށް ޚިދުމަތްކުރި މުއްދަތު ހިމަނައިގެން ނަޒީރަށް އިނާޔަތް ހިސާބު ކުރުން ރަނގަޅު: ހައިކޯޓު

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރަށް ދޭންޖެހޭ ރިޑަންޑަންސީ އިނާޔަތް ހިސާބު ކުރުމުގައި ޖުޑިޝަރީއަށް ޚިދުމަތް ކުރި މުއްދަތަށް އެކަނި ބެލުމުގެ ބަދަލުގައި ސަރުކާރަށް އޭނާ ޚިދުމަތްކުރި މުއްދަތު ހިމެނުމަށް ވަޒީފާއާބެހޭ ޓްރައިބައުނަލުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމުރު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ނަޒީރު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.

ނަޒީރު "ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ"ގެ މަގާމަށް އައްޔަން ކުރީ 28 ނޮވެންބަރު 2018 ގައެވެ. އެއާއެކު  ނަޒީރުގެ ޚިދުމަތުގެ މުއްދަތު 1 ޖެނުއަރީ 1996 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގުޅުވައިދިނެވެ.

ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން "ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ" ގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރުމުން "ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ" ގެ މަގާމު ނިމުމަކަށް އައިސްފައިވާ ކަމަށް އަންގައި 26 ސެޕްޓެންބަރު 2020 ނަޒީރު އެ މަގާމުން ވަކިކުރިއެވެ. އޭރު ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ޒިންމާ އޮތީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް ބަދަލުކޮށްފައެވެ.

ނަމަވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ދޭންޖެހޭ އިނާޔަތްތައް ހިސާބު ކުރުމުގައި މުއްދަތުގެ ގޮތުގައި ބަލަން ޖެހޭނީ ޝަރުއީ ދާއިރާގައި އެމީހަކު ހޭދަކުރި މުއްދަތު ކަމަށްވެސް ޖޭއެސްސީ އިން އޮތީ ކަނޑައަޅައިފައެވެ. އެގޮތަށް ކަނޑައެޅީ 9 ސެޕްޓެމްބަރު 2020 ގައެވެ. އަދި ނަޒީރުގެ މައްސަލައިގައިވެސް އަމަލު ކުރަން ޖެހޭނީ އެގޮތަށް ކަމަށް ޖޭއެސްސީ އިން އޮތީ (ޑިޕާޓްމަންޓް އޮގް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން) ޑީޖޭއޭއަށް އަންގައިފައެވެ.

އޭގެ ކުރިން އޮންނަނީ އެ މީހަކު ދައުލަތަށް ޚިދުމަތްކުރި މުޅި ޖުމްލަ މުއްދަތަށް ބަލައި އިނާޔަތް ހިސާބު ކުރަން ޖެހޭ ގޮތަށެވެ. އެހެން ކަމުން އެނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނަޒީރުގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅިއެވެ. ނަމަވެސް ނިންމުން ބަދަލެއް ނުކުރިއެވެ.

އެހެން ކަމުން ސަރުކާރުގެ ޚިދުމަތުގައި ހޭދަ ކުރެއްވި 16 އަހަރާއި 25 ދުވަހާއި ޖުޑިޝަރީގައި ހޭދަ ކުރެއްވި އެއް އަހަރާއި 10 ހިމެނޭ ގޮތުން ޖުމްލަ 17 އަހަރާއި 10 މަހާއި 25 ދުވަސް އެއީ ނަޒީރުގެ ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ހިމަނައި އޭނާއަށް ރިޑަންޑަންސީގެ އިނާޔަތް ހިސާބު ކުރުމަށް އަމުރު ކޮށްދިނުމށް އެދި ނަޒިރުގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ނަޒީރު ވަޒީފާއިން ދޫކޮށްލިއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގައި ބަޔާން ކޮށްފައިވާ ޚިދުމަތުގެ މުއްދަތު ގުނުން ބަދަލު ކުރުމަށް އެ ޤަވާއިދު އިސްލާހު ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.

އެހެން ކަމުން ނަޒީރު ދައުލަތަށް ޚިދުމަތް ކޮށްފައިވާ މުއްދަތު ގުޅުވައި ޚިދުމަތުގެ މުއްދަތު މެދުނުކެނޑޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައި އެކަން ނަޒީރަށް އަންގާފައި ވާކަން އެނގެން އޮތުމުންނާއ،ި ޤަވާއިދު އިސްލާހު ކުރުމަކާ ނުލައ،ި ކުރިން އަމަލު ކުރަމުން ދިޔަ ގޮތް ބަދަލުކޮށް ނަޒީރުގެ ރިޑަންޑަންސީގެ އިނާޔަތް ހިސާބު ކުރުމުގައި ޤަވާއިދުގައި ބަޔާން ކޮށްފައިވާ "ޚިދުމަތުގެ މުއްދަތު ކުރިން އަމަލު ކުރަމުން ދިޔަ ގޮތް ނޫން އެހެން ގޮ ތަކަށް ޖޭއެސްސީން މާނަ ކުރުމަކީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން ޤަވާއިދުގައި ބަޔާން ކޮށްފައިވާ "ޚިދުމަތުގެ މުއްދަތު" އަކީ ނަޒީރު ދައުލަތަށް ޚިދުމަތް ކޮށްފައިވާ މުއްދަތު ކަމަށް ބަލައ،ި އެ މުއްދަތު ހިމަނައިގެން އޭނާގެ ރިޑަންޑަންސީ އިނާޔަތް ހިސާބު ކުރުމަށް ޖޭއެސްސީގެ މައްޗަށް އަމުރުކޮށް، 21 ދުވަހުގެ ތެރޭގައި އެކަންކަން ފުރިހަމައަށް ތަންފީޒު ކުރުމަށް ފަހު، އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށ،ް ޓްރައިބިއުނަލުން ޖޭއެސްސީގެ މައްޗަށް 14 ނޮވެމްބަރު 2021 ގައި ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް ޓްރައި ބިއުނަލްގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޖޭއެސްސީ އިން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށް ފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންކެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *