މިއަދު ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ ތެރެއިން

ހުރިހާ ހުކުމެއް ބާތިލު ކުރުމާއެކު ޔާމީން މިނިވަން ވެއްޖެ

ހުރިހާ ހުކުމެއް ބާތިލު ކުރުމާއެކު ޔާމީން މިނިވަން ވެއްޖެ

ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާއި ގުޅިގެން މަނީލޯންޑާ ކުރުމުގެ ކުށާއި، ރިޝްވަރު ގަބޫލު ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައި އޮތް 11 އަހަރު ދުވަހުގެ ހުކުމް ހައިކޯޓުން ދާދި ދެންމެ ބާތިލް ކުރުމާއެކު، ހުރިހާ ޖަލު ހުކުމް ތަކުން ސަލާމަތްވެ، ޔާމީން މިނިވަން ވެއްޖެއެވެ.

މަނީ ލޯންޑާ ކުރި ކަމުގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ކުރިމިނލް ކޯޓުން ވަނީ، ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސްމިލިޔަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައެވެ. އަދި ރިޝްވަރު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރު ދުވަކުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ.

މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފީ މައްސަލައިގައި ކުރިން، ބާތިލް ކުރީ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. ހަތް އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަނުން ޖޫރިމަނާ ކުރަން ކުރި ހުކުން ދެންމެ ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

އެ ހުކުމްތައް ބާތިލް ކުރުމާއެކު ޔާމީންގެ މައްޗަށް މިވަގުތު އިތުރު ހުކުމެއް ނެތުމާއެކު އެމަނިކުފާނު ވަނީ މިނިވަން ވެފައެވެ. އެ ހުކުމްތައް ހައިކޯޓުން ބާތިލް ކުރި ނަމަވެސް އަލުން މައްސަލަ ބަލަން އެ މައްސަލަތައް ހައިކޯޓުން ވަނީ ކުރިމިނަލް ކޯޓަށް ތަހުވީލު ކޮށްފައެވެ.

މީގެ އިތުރުން ހައި ކޯޓުން މިއަދު ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުގެ ސަބަބުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ހުކުމް ވެސް ބާތިލުކޮށް، އަލުން އެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށް ނިންމައިފައެވެ.

އެ މައްސަލައިގެ ރައުޔު އިއްވަމުން ފަނޑިޔާރު މުހައްމަދު ސަލީމް، ވިދާޅުވީ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ މައްސަލާގެ ޖަލު ހުކުމް ބާތިލް ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ ރުކުން ނެތިގެންދާ ކަމަށެވެ.

އަދި ވިދާޅުވީ މަނީ ލޯންޑަރިންގެ މައްސަލަ ބެލުމުގައި ކުރިމިނަލް ކޯޓުން ކަންތައްކުރި ގޮތުގެ ސަބަބުން ޔާމީނަށް ދިފާއުވުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން އެ މަނިކުފާނުގެ ބައެއް ހައްގުތައް ގެއްލިފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް އެ މަނިކުފާނުގެ މަލީ ބަޔާނުގައި އޮތުމުން، އެއީ ޔާމީނާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެއްކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށެވެ.

އެ ކަންކަން ފާހަގަ ކުރައްވައި ފަނޑިޔާރު ސަލީމް ރައުޔު ކަނޑައެޅުއްވީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި އިއްވި ހަތް އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ބެލުމަށް ފޮނުވުމަށެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ހަސަން ޝަފީއު ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފައެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ސަލީމް ހުކުމް ކުރެއްވީ މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *