ޔާމީން މިއަދުގެ ޝަރީއަތުގައި އިންނެވި މަންޒަރު

ރިޝްވަތުގެ މައްސަލައިގައި ޔާމީނަށް އިއްވި 4 އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށްފި

ރިޝްވަތުގެ މައްސަލައިގައި ޔާމީނަށް އިއްވި 4 އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށްފި

ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރެއްވި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 4 އަހަރު ދުވަހުގެ ހުކުމް ހައިކޯޓުން ދާދި ދެންމެ ބާތިލް ކޮށްފިއެވެ.

އެއާއެކު، ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާއި ގުޅިގެން މަނީލޯންޑާ ކުރުމުގެ ކުށާއި، ރިޝްވަރު ގަބޫލު ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައި އޮތް 11 އަހަރު ދުވަހުގެ ހުކުމް ހައިކޯޓުން މިއަދު ބާތިލް ކުރުމާއެކު، ހުރިހާ ޖަލު ހުކުމް ތަކުން ސަލާމަތްވެ، ޔާމީން ވަނީ މިނިވަންވެފައެވެ. ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމުގެ ސަބަބުން ހަތަރު އަހަރުގެ ހުކުމަކާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުގެ ސަބަބުން ހަތް އަހަރުގެ ޖަލު ހުކުމެކެވެ.

ހައި ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ އޭނާގެ ރައުޔުގައި ވިދާޅުވީ ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނާހިލާފުކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން އެފަދަ ހެކިތައް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއްކަމަށް ވާއިރު، އެ މައްސަލާގައި ދަށު ކޯޓުން އެކަންކުރީ އެކަށީގެންވާ ސަބަބެއް ބަޔާން ނުކޮށްކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައިނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލާގެ ހެކިތައް ވަޒަން ކުރަން ޖެހޭނީ ފަހުން ހުށަހެޅި އާ ހެކިތައް އެއް ފަރާތް ކުރުމަށްފަހުކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ދަށު ކޯޓުން ހެކިތައް ވަޒަންކުރީ ހުރިހާ ހެކިތައް އެއްކޮށްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.ޔާމީންގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްކަމަށް ދަށު ކޯޓުން ދެކިފައިވަނީ ގާނޫނާހިލާފަށްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް ފާހަގަކުރުމަށްފަހު ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރިކަމުގެ ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އެ ރައުޔަށް ދެންތިބި ދެ ފަނޑިޔާރުން ވަނީ ތާއީދު ކުރައްވާފައެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ، ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *