ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުދި ރަށްތައް ތަރައްގީ ނުކުރާނެ ކަމަށާއި ސަބަބަކީ ކުދި ރަށްތައް ތަރައްގީ ކުރުމަކީ އެމްޑީޕީގެ ސިޔާސަތަކަށްވުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ހަތަރު ދުވަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް އއ. ބޮޑުފުޅަދޫއަށް ވަޑައިގެން އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު، ވިދާޅުވަމުން ގެންދިޔައީ ކުދި އާބާދީތައް ތަރައްގީ ކުރަން ނުޖެހޭނެ ކަމަށެވެ. އެފަދަ ސިޔާސަތު ތަކަށް ތާއީދުކުރާ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ގޯހަކަށް ވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"އެމްޑީޕީއާއި އިދިކޮޅަށް މި ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ ކުދި އާބާދީތަށް ތަރައްގީ ކުރުމާ އިދިކޮޅަށް ދެވޭ ވޯޓެއް. މި ރަށްތައް ތަރައްގީ ކުރަން ބޭނުން ކަމަށްވަންޏާ ވޯޓު ދެއްވަން ވާނީ އެމްޑީޕީއަށް" އިބޫ ވިދާޅުވިއެވެ.
އެ އަތޮޅުގެ ދާއިރާ ތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ވައުދުވެވަޑައިގެންފައި ވަނީ އެ މަނިކުފާނު ކަމަށް އިބޫ ވިދާޅުވިއެވެ. އެގޮތުން ބޮޑުފުޅަދޫގެ ބިން ހިއްކައި ދިނުމަށާއި ފެނާއި ނަރުދަމާ އަޅައިދޭނެ ކަމަށް ވައުދު ވެފައިވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އެމްޑީޕީ ނޫން ސިޔާސީ ޕާޓީއެއްގެ ސިޔާސަތުގައި އެކަންކަން ނުހިމެނޭނެ ކަމަށާއި ޚާއްސަކޮށް މި ސަރުކާރުގެ ސިޔާސަތުގައި ވަނީ ކުދި ރަށްތަކާއި ކުދި އާބާދީތައް އެކަހެރި ކޮށްފައި ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އޮތަސް، ނެތަސް، އެ ޕާޓީގެ ސިޔާސަތަކީ ކުދި ރަށްތަކަށް ބޭނުންވާ އަސާސީ ކަންކަމާއި ތަރައްގީ ގެނެސްދިނުން ކަމަށެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ އެކަން ހާސިލު ކުރުމަށް ކަމަށް އިބޫ ވިދާޅުވިއެވެ.