ލަންކާގެ މަސް ބޯޓު ތަކެއް މަސްވެރިކަމުގައި. ބަޔެއް ފަހަރު ރާއްޖޭގެ ސަރަހައްދަށްވަދެވެސް ބޭރުގެ މަސް ބޯޓުތައް ދަނީ މަސްވެރިކަން ކުރަމުން

ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރި ލަންކާ ބޯޓެއް ދައުލަތަށް ނަގަން ނިންމައިފި

ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރި ލަންކާ ބޯޓެއް ދައުލަތަށް ނަގަން ނިންމައިފި

ޤާނޫނާ ޚިލާފަށް ރާއްޖޭގެ މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާ އުޅަނދެއްގެ ވެރިފަރާތް ޖޫރިމަނާކޮށް އެ އުޅަނދާއި އެންކެމާ ތަކެތި ދައުލަތަށް ނަގަން ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދު ފަހަރުން ރިޕޯޓް ކުރުމެއްނެތި ޤާނޫނު ތަކާއި ޤަވާއިދުތަކާ ޚިލާފަށް ސްރީލަންކާގެ އުޅަނދެއް ކަމަށްވާ "ސުދިސަ ޕުތަ02″ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ، އެ އުޅަނދުގެ ވެރިފަރާތުގެ މައްޗަށް ސިވިލް ކޯޓުގައި ދިވެހި ދައުލަތުން ކުރި ދައުވާއެކެވެ.

މި މައްސަލައިގައި އެ އުޅަނދުގެ ވެރިފަރާތުގެ ހައިސިއްޔަތުން ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް، ފިޝަރީޒް މިނިސްޓްރީ އިން އެ ފަރާތަށް ފޮނުވާފައިވާ ޖޫރިމަނާ ނޯޓިސްގައިވާ ފައިސާއަކީ ޤާނޫނާއި ޤަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއްކަމަށް ކަނޑައަޅައި ދިނުމަށާއި، މިއަދާ ހަމައަށްވެސް އެ ފައިސާ ދައްކާފައި ނުވާތީ، ޝަރީއަތް މެދުވެރިކޮށް އެފައިސާ ދައުލަތަށް ލިބިދިނުމަށާއި އެ އުޅަނދު ދައުލަތަށް ނެގުމަށް ހުކުމް ކޮށްދިނުމަށް އެދި ދިވެހި ދައުލަތުގެ ފަރާތުން ފަނެންޑޯގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ.

މި މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ކުރެއްވި ހުކުމްގައި ވަނީ ދައުލަތުން އެ ފަރާތަށް ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ 700،000 ރުފިޔާއަކީ ފަނެންޑޯގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ ދިވެހި ދައުލަތަށް ލިބިދިނުމުގެ ގޮތުން 14 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ފަނެންޑޯއަށް އަންގާ ކަމަށެވެ.

މީގެއިތުރުން މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރުމުގައި ބޭނުން ކޮށްފައިވާ އުޅަނދާއި އެ އުޅަނދުގެ ވަސީލަތްތަކާއި، އާލާތްތަކާއި މުދަލާއި، ކުށް ކުރުމުގައި ބޭނުން ކޮށްފައިވާ އެއްމެހާ ތަކެތި، ފިޝަރީޒް މިނިސްޓްރީއަށް ނެގުމަށްވެސް އެހުކުމުގައި ވަނީ އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *