މި ސަރުކާރު ވެރިކަމުން ދުރުކުރަންޖެހޭ ކަމަށާއި އެކަން ނުކޮށްފިނަމަ، ރައްޔިތުން ކުރިމަތިލާން ޖެހޭނީ ނާމާން ކަންކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް އިބޫގެ އުފަން ރަށް ކަމަށްވާ ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މަޖިލިސް އިންތިޚާބާ ދިމާކޮށް، ސަރުކާރުން ދަނީ ރައްޔިތުންނަށް ބިރު ދައްކަމުން ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާކަމަށް އިބޫ ވިދާޅުވިއެވެ.
"މިތަނުގައި (ހިންނަވަރު) ނޫންތޯ އެ ވާހަކަ ދެއްކީ. ކުންފުނި ތަކުގެ ވެރިންނަށް މި އަންގަނީ ތިމަންނަމެންނާ އެކީގައި މަސައްކަތް ކުރަން ނުކުންނަން އަންގާށޭ. ނުކޮށްފިއްޔާ އަޅަންޖެހޭ ފިޔަވަޅު އަޅާށޭ، ވަކި ކުރާށޭ،" އިބޫ ވިދާޅުވިއެވެ.
މަޖިލީހުގެ ކެމްޕޭނަށް ޕީއެންސީ އިން އިއްޔެ ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ދިއްދޫ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ވަނީ ސަރުކާރު ކޯލިޝަން މެމްބަރުންގެ ގޭބިސީ ތަކަށް އެކަނި ކަރަންޓު ދޭން ގޮވާލާފައެވެ. އިބޫ ވަނީ މިރޭގެ ޖަލްސާގައި އެ ވާހަކައަށް ރައްދު ދެއްވައިފައެވެ.
"އަސާސީ ޚިދުމަތެއްގެ ވާހަކަ މި ދައްކަނީ. މިއަދު ކަރަންޓާ ނުލައި ދިރިއުޅުން ފުރިހަމައެއް ނުކުރެވޭނެ. ތިމަންނަމެންނަށް ވޯޓު ދޭ މީހުންގެ ގޭގެއަށް އެކަންޏޭ ކަރަންޓު ދޭންވާނީ. ކޮން ކަހަލަ ވާހަކައެއްތޯ މި ދައްކަނީ؟ މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. ރައްޔިތުންނަށް އެކަހަލަ އުނދަގުލާއި ދުއްތުރާ ކުރުމުގެ ވިސްނުން ހުރި ބަޔަކު" އިބޫ ވިދާޅުވިއެވެ.
ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ މި ބޭފުޅުން މިކަމުން ދުރުކުރުން. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް" އިބޫ ވިދާޅުވިއެވެ.