ރައީސް ނިލަންދޫ ރައްޔިތުންނަށް: މާޔޫސްވުން ދޫކޮށްލާ، ބޭނުންވާ ތަރައްގީ ގެނެސް ދޭނަން

ރައީސް ނިލަންދޫ ރައްޔިތުންނަށް: މާޔޫސްވުން ދޫކޮށްލާ، ބޭނުންވާ ތަރައްގީ ގެނެސް ދޭނަން

ތަރައްގީގެ ސަފުން ފ. ނިލަންދޫ ރައްޔިތުން ބާކީވެފައިތިބިތީ ދެން އިތުރަށް މާޔޫސްވެގެން ނުވާނެ ކަމަށާއި މި ސަރުކާރުން ނިލަންދޫ ތަރައްގީ ކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

ރައީސް މުއިއްޒު، ނިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރަށުގެ ކައުންސިލުން ވަނީ ރަށަށް ބޭނުންވާ ކަންކަން ފުރިހަމަނުވާތީ މާޔޫސްކަމާއެކު އެކަންކަން އެ މަނިކުފާނާ ހިއްސާ ކުރައްވާފައި ކަމަށެވެ. ރައީސް ވިދާޅުވީ ނިލަންދޫގެ ތަރައްގީއަށް މި ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ކުރަން ނިންމާފައި ކަމަށެވެ.

"މާޔޫސްކަން ދޫކޮށްލާ. އެދިވަޑައިގެންނެވި ކަންކަމުގެ އިތުރަށް ކުރާނެ ކަންކަން އެބަހުރި. މިރަށަށް އޮތީ ފުރިހަމަ ޕްލޭނެއް. މި އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާނެފަދަ އާބަން ސެންޓަރަކަށް ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.

ނިލަންދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެންމެ ޒަމާނީ ފެންވަރުގެ އެއާޕޯޓެއް ނިލަންދޫގައި ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ އެއާޕޯޓަކީ ޕްރައިވެޓް ޖެޓް ހޭންޑްލިން ފެސިލިޓީސް ގާއިމުކޮށްފައިވާ އެއާޕޯޓެއްގެ އިތުރުން 1،800 މީޓަރުގެ ދިގު ރަންވޭއެއް އޮންނާނެ އެއާޕޯޓެއްކަމަށް އެ މަނިިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ނިލަންދޫގެ ފަޅުގެ ތެރޭގައި ދެ ރިސޯޓަކާއި ސިޓީ ހޮޓަލެއް ތަރައްގީ ކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ. ނިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި، ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދީ ހޮސްޕިޓަލުގެ އާ އިމާރަތް ހައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މި ތަރައްގީގެ ދުވެލީގައި ބާރު ސްޕީޑުގައި ކުރިއަށް ދިޔުމަށްޓަކައި ތި ބޭފުޅުން ކަމަރު ބަނދެގެން މަސައްކަތް ފައްޓަވަންވީ. އަޅުގަނޑު ހުންނާނީ ތިބޭފުޅުން ދާން ބޭނުންވާ ބާރު ސްޕީޑުގައި ތިބޭފުޅުންނަށް ވުރެ ވެސް ކުރީގައި. ހުރެގެން ތި ބޭފުޅުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ނިންމާފައިވަނީ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއްގެ ދަށުން ކަމަށެވެ. އެ މާސްޓާ ޕްލޭންގައިވާ ގޮތުން ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މާސްޓާ ޕްލޭނަށް ހުރަސް އެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ނުހޮވައިފިނަމަ ސަރުކާރުން ރައްޔިތުންގެ ކުރިއެރުމަށް ގެންނަން މަސައްކަތްކުރާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.

އެހެންކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލިސް މެމްބަރުން އިންތިހާބު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *