ޔާމީންގެ ދިފާއުގައި މަޖިލިސް ރައީސް: ޖޭއެސްސީއަަށް މައްސަލަ ހުށަހަޅުއްވައިފި

ޔާމީންގެ ދިފާއުގައި މަޖިލިސް ރައީސް: ޖޭއެސްސީއަަށް މައްސަލަ ހުށަހަޅުއްވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރުމާއީ މަނީ ލޯންޑަރރިންގެ ކުށް ސާބިތުވުމުގެ ސަބަބުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތަށް ނިމިފައިވީ ނަމަވެސް ހައި ކޯޓުން އެ މައްސަލައިގައި ހުކުމް ކުރުން ލަސްވާ މައްސަލަ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީއަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. ޖޭއެސްސީއަށް އަސްލަމް، އެ މައްސަލަ ހުށަހެޅުއްވީ މިއަދެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާއެއްގައި  އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތް ނުބާއްވާ ގިނަ ދުވަސްވުމުން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ސާފުވާ ކަމަށެވެ. ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައިވަނީ މީގެ ހަތަރުމަސް ކުރިންކަމަށް އަސްލަމް ވިދާޅުވިއެވެ.

"ހަތަރު މަސް ވެގެން ދިޔައިރު ހަމައެކަނި ހުކުމް އިއްވާނުލެވިފައި އޮތީ. އެހެންވީމަ ސަރުކާރުން މިކަމަށް އަތް ބާނާ މިންވަރު މިކަމުން މި ފެންނަނީ. ވަރަށް ބޮޑު ތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މާދަމާ (މިއަދު) މައްސަލަ ލާނަމޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ވަކި ރައީސަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލަައިނުގަންނާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ކުރީގެ ރައީސުންނަށް ދޭންޖެހޭ އިހުތިރާމް ދޭންވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *