ރޭ އައްޑޫ ސިޓީގައި އޮތް ޖަލްސާގައި ފައްޔާޒު ވާހަކަ ދައްކަވަނީ. ފޮޓޯ- އެމްޑީޕީ

ފައްޔާޒުގެ ރައްދު ރައީސަށް: ކޮވިޑް ލޯނުގެ އިންޓްރެސްޓް 2023 ގެ ނޮވެމްބަރު 15 ގައި އޮންނާނީ މާފު ކޮށްފައި

ފައްޔާޒުގެ ރައްދު ރައީސަށް: ކޮވިޑް ލޯނުގެ އިންޓްރެސްޓް 2023 ގެ ނޮވެމްބަރު 15 ގައި އޮންނާނީ މާފު ކޮށްފައި

ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު އެސްޑީއެފްސީ އާއި އެޗްޑީއެފްސީއިން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް މާފު ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން، ރައީސްގެ ވާހަކަފުޅު ދޮގުކޮށް، އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް ރައްދު ދެއްވައިފިއެވެ.

ކޮވިޑް ލޯނުތަކުގެ އިންޓްރެސްޓް މާފު ކުރައްވަން ނިންމަވާފައިވާ ކަމަށާއި، އީދު ބަންދަށް ފަހު އެކަމުގެ ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވީ ލ. ފޮނަދޫގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ލޯނުތަކުގެ އިންޓްރެސްޓް މާފު ކުރާނެ ކަމަށް ބުނިނަމަވެސް، ވެރިކަން ބަދަލު ވެގެން ދިޔުމާއި ހަމައަށްވެސް އެކަން އޮތީ މާފު ނުކޮށް ކަމަށެވެ.

ނަމަވެސް، ރައީސްގެ ވާހަކަފުޅު ދޮގު ކުރައްވައި، ރޭ އައްޑޫ ސިޓީގައި އޮތް މަޖިލިސް އިންތިޚާބުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް އެ ވިދާޅުވި ލޯނު ތަކުގެ އިންޓްރެސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު، އޭރުގެ ސަރުކާރުން މާފު ކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން ލޯނުތަކުގެ އިންޓްރެސްޓް މާފު ކުރުމުގެ ގޮތުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"15 ނޮވެމްބަރަ 2023 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް ފޮނުވާ މައާފް ކޮށްދެއްވާފައިވާ އޮތް އެއްޗެއްގެ ވާހަކަ އަނެއްކާ މިދެއްކީ. ދެން ކީކެތޯ ބުނާނީ" ފައްޔާޒު ވިދާޅުވިއެވެ.

އެ ލޯނު ތަކަކީ ކޮވިޑާއި ގުޅިގެން ވިޔަފާރި ތަކަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި ވިޔަފާރި ތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް އެސްޑީއެފްސީ އެޗްޑީއެފްސީ އިން ދޫކުރި ލޯނުތަކެއްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *