އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ދެނީ

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ދެނީ

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަން ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް، ނަގަން އީސީގެ ޤާނޫނަށް އިސްލާހު ހުށަހަޅަން މަޖިލީހަށް މަޖިލީހަށް ފޮނުވައިފިއެވެ.

އެމްޑީޕީގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ފޮނުއްވި މި ބިލުގެ ފުރަތަމަކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެ ބިލުން ޤާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) އަށް އިސްލާހު ގެންނަން ވަނީ ހުށަހަޅައިފައެވެ.

އީސީގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި މިހާރު ބުނަނީ އީސީގެ މެންބަރުން އައްޔަން ކުރާނީ، މި މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. (ށ)ގައި ބުނަނީ ކޮމިޝަން މެންބަރުން އައްޔަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެ ފަހަރަށް އައްޔަން ކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް މީހުންގެ ނަން ރައީސް މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. (ނ) ގައި ބުނަނީ އެގޮތަށް ރައީސް މަޖިލީހަށް ހުށަހަޅުއްވާ ނަން ތަކަކީ އާއްމުކޮށް އިއުލާން ކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމަށް ވާންޖެހޭނެ ކަމަށާއި، އެއާއެކު އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައް މަޖިލީހުގެ މައުލޫމާތައްޓަކައި ފޮނުވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އެގޮތަށް ރައީސް މަޖިލީހަށް ފޮނުވާ ނަން ތަކުގެ ތެރެއިން، މަޖިލިސް ޖަލްސާއެއްގައި ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހުން، އީސީގެ މެންބަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށް އެ މާއްދާގެ (ރ) ގައި ވަނީ ބުނެފައެވެ.

މި މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ހަތަރު ވަނަ މާއްދާގެ (ހ) ގައި ބުނަނީ އީސީގެ މެންބަރުން އައްޔަން ކުރާނީ، މި މާއްދާގައި ބަޔާން  ކޮށްފައިވާ ގޮތުގެމަތިން ކަމަށެވެ. (ށ)ގައި ބުނަނީ ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަން އާއްމުކޮށް އިއުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ، (ނ) ބުނަނީ އެގޮތަށް ހުށަހަޅާ ނަންތަކގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތް ތަކެއް އީސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ. އަދި (ރ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، އީސީގެ މެންބަރުކަމަށް، މަޖިލީހުން ފާސްކުރާ ނަން ތަކަކީ އާއްމުކޮށް އިއުލާން ކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން، މިގާނޫނުގެ ފަސް  ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ މީހުން ކަމުގައި ވާންވާނެއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *