ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލްގެ ބަހުސް ފަށައިފި

ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލްގެ ބަހުސް ފަށައިފި

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލު ވެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ގޮނޑި ވެސް ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު، މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މި ބިލުގެ މަގުސަދު ތަކުގެ ތެރޭގައި ދެ ކަމެއް ފާހަގަ ކޮށްފައިވެއެވެ.
އެ ބިލުގައި ވަނީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާއި، އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީ މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައެވެ. އެއީ….

* ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތައް:
1- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުން.
2- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން.
3- މެންބަރަކު އިންތިހާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން ވަކި ކުރަން އެ ޕާޓީ އަކުން ނިންމައިފިނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މިހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކި ކުރުމަށް، އެ ދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނަގައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކި ކުރުމަށް ނިންމި ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.

* އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީ މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ގެއްލޭނެ ހާލަތްތައް:
1- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން.
2- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން.
3- އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.

* ރީކޯލް ވޯޓު ނެގޭނެ ހާލަތްތައް:
1- ރައްޔިތުންގެ މަޖިލީހަށް މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު، އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން.
2- މަޖިލީހަށް މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި، އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން.
3- ރީކޯލް ވޯޓު ނެގުމަށް މެދުވެރިވާ ހާލަތްތަކުގައި 30 ދުވަހުގެ ތެރޭގައި ރީކޯލް ވޯޓު ނަގަންވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ރީކޯލް ވޯޓު ނަގަންވާނީ އެ މެމްބަރަކު ތަމްސީލުކުރާ އިދާރީ ދާއިރާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކަމަށް ބަޔާންކޮށްފައިވެއެވެ.
4- ރީކޯލް ވޯޓުގައި ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނެ ކަމަށް ނިންމައިފި ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކަށް އަންގާ ދުވަހުން އެ މީހަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެންޓި ޑިފެކްޝަން ބިލުގެ މަގުސަދަކީ، މަޖިލީހުގެ މެމްބަރުންނާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރެއްގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުން ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި ރައްޔިތުން އިންތިހާބުކުރާ މަގާމު ތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ، އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއް ކަމަށް ހެދުމަކީވެސް އެންޓި ޑިފެކްޝަން ބިލުގެ މަގުސަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *