ހައި ސީސް ނުވަތަ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް މަގުފަހި ކުރުމަށް އެކުލަވާލާފައިވާ މުއާހަދާގައި ރާއްޖެއިން ސޮއި ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެކަން އިތުރަށް ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލީހުން އަމީން އާއްމު މިއަދުގެ ޖަލްސާގައި އިއްވެވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޚާރިޖީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވީ މަޖިލިސް ރައީސް މުހައްމަދު އަސްލަމެވެ.
އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމާއި ބެހޭގޮތުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ، އ.ދ. ގެ ޢާންމު މަޖިލީހުގައި ފާސް ކުރި އެއްބަސްވުން ކަމުގައިވާ "އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ނުވަތަ ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީ.ބީ.އެން.ޖޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން އެމަނިކުފާނަށް ލަފާދެއްވުމާ ގުޅިގެންނެވެ.
މި މުއާހަދާ އެކުލަވައިލުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މިހާތަނަށް ބައިނަލްއަގްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ. އަދި ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް މަގުފަހި ކުރުވާ މިފަދަ މުއާހަދާއެއްގައި ދިވެހި ރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި މުއާހަދާގައި ދުނިޔޭގެ 83 ޤައުމަކުން މިހާތަނަށް ވަނީ ސޮއި ކޮށްފައެވެ.