މަޖިލީހުގެ އަދަދަކީ 80 މެންބަރުން ކަމަށް ބަލައިގެން ކޯރަމް ގުނަން އަނެއްކާވެސް ފާސްކޮށްފި

މަޖިލީހުގެ އަދަދަކީ 80 މެންބަރުން ކަމަށް ބަލައިގެން ކޯރަމް ގުނަން އަނެއްކާވެސް ފާސްކޮށްފި

އިސްތިއުފާ ދެއްވުމުގެ ސަބަބުން ހުސްވެފައިވާ މަޖިލިސް މެންބަރުންގެ ގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަކީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް، ހުސްގޮނޑި ނުހިމަނައި، މަޖިލީހުގައި ތިއްބެވީ 80 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ކޯރަމް ގުނަން ރައްޔިތުންގެ މަޖިލީހުން އަނެއްކާވެސް ފާސްކޮށްފިއެވެ.

ހުސް ގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައި މާއްދާ ކޯޓުން އުވާލާފައި ނުވާ ކަމަށްބުނެ އެ މައްސަލައަށް ބަހުސް ކުރުމަށް ފަހު ގޮތެއް ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.

އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި މަޖިލިސް ގަވައިދުގެ 242 ވަނަ މާއްދާއަށް އިތުރުކުރި ބައި އުވާލާފައި ނުވި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ މާއްދާއަށް އަމަލު ކުރެވެން ނެތް ކަމަށެވެ. އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމަށްވާތީ ހުސް ގޮނޑި ނުލައި މެންބަރުން ގުނާ ގޮތަށް މަޖިލިސް ގަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރު ކޮށްފައިވާ ބައި އުވާލުމާމެދު ގޮތެއް ނިންމައި އެ މާއްދާ އުވާލަދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަމަށް ބަހުސްގެ ފުރުސަތު ހުޅުވައިލެއްވިއެވެ.
އެ މައްސަލައިގައި ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފައެވެ. އަދި ގާނޫނު ހެދުމުގެ އިތުރުން މަޖިލީހުގެ ގަވާއިދު ހެދުމަކީ ގާނޫނު އަސާސީން މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ވިދާޅުވެ، މަޖިލިހުން ގަވާއިދަށް ގެނެސްފައިވާ އިސްލާހަަށް އަމަލު ކުރެވޭނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. އެ މެންބަރުން ވިދާޅުވީ އެއީ މަޖިލިސް ތަޅުމަށް ގެންނަންޖެހޭ ވެސް މައްސަލައެއްނޫން ކަމަށެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ގަވާއިދަށް އާއްމު ކޮމިޓީން އިސްލާހު ގެނައި ފަހުން މިއަދާ ހަމައަށް އަމަލު ކުރަމުންދާ ގޮތަށް މަޖިލީހުގެ ޖުމްލަ އަދަދަކީ 80 މެންބަރުން ކަަމަށް ކަނޑައަޅައިގެން ކޯރަމް ގުނުމަށް މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެެއިނެވެ. ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި ހުށަހެޅުމް ފާސްކުރީ ޖަލްސާގައި ތިއްބެވި 26 މެންބަރުންގެ ތެރެއިން 23 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ހުށަހެޅުން ފާސްކުރަން ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
މިއީ ހުސްގޮނޑި ނުލައި މަޖިލީހުގެ ކޯރަމް ގުނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިންވަނަ ފަހަރެވެ.
ފުރަތަމަ މި ގޮތަށް ފާސްކުރީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ތިން އަކުރު އިތުރު ކޮށްގެންނެވެ. އެއީ ހުސްވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެގޮތުން މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް އިތުރު ކުރި ތިން އަކުރުގެ ތެރެއިން (ކ)ގެ ގޮތުގައި ބުނަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ މަޖިލިސް މެންބަރުންގެ ގޮތުގައި އެ ވަގުތު ދެމި ތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. (އ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށެވެ.
އަދި (ވ) ގައި ބުނަނީ ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.
ގަވާއިދަށް މި އިސްލާހު ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް އިންތިހާބުވުމާއި ސަރުކާރުގެ ސިޔާސީ މަގާމު ތަކަށް ވަޑައިގެންނެވުމަށް ހަ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ހުސްވުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *