ދެފަހަރު އުޅެގެންވެސް ކޯރަމް ހަމަނުވި، ޖަލްސާ ނުބޭއްވުނު

ދެފަހަރު އުޅެގެންވެސް ކޯރަމް ހަމަނުވި، ޖަލްސާ ނުބޭއްވުނު

މަޖިލީހުގެ ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މިއަދުގެ ޖަލްސާ ނުބޭއްވުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްޓަކައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ 9:00 ގައި ރިޔާސަތަށް ވަޑައިގެންނެވުމަށް ފަހު ކޯރަމް ހަމަވޭތޯ ވަގުތުކޮޅެއް ބެއްލެވުމަށްފަހު ވިދާޅުވީ، ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ އެންމެ 11 މެންބަރުން ކަމަށެވެ. އެހެން ކަމުން ޖަލްސާ ބާއްވަން ބޭނުންވާ ޤާނޫނީ އަދަދު ހަމަނުވާތީ 9:30 ގައި ޖަލްސާ ބާއްވަން ނިންމަވާ ކަމަށެވެ.
ނަމަވެސް 9:30 އަށްފަހު ޖަލްސާގެ ރިޔާސަތަށް ވަޑައިގެން ވަގުތު ކޮޅެއް ދެއްވުމަށްފަހު ވެސް ކޯރަމް ހަމަނުވާތީ ޣަފޫރު ވިދާޅުވީ، ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެންނެތް ކަމަށެވެ. އަދި ދެން މަޖިލިސް ޖަލްސާ އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާ ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ބިލާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާ ރިޔަލް ސްޓޭޓް ވިޔަފާރީގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ.
އޭގެ އިތުރުން ޤާނޫނު އަސާސީގެ ގެ ދަށުން ހުށަހަޅުއްވާފައިވާ "އެގްރީމަންޓް އަންޑަ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސް ޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށްވެސް އެޖެންޑާގައިވެއެވެ.
އިބްތިދާއީ ބަހުސްގެ ގޮތުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށ،ް އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައ،ި ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް އެޖެންޑާގައިވެއެވެ.
މީގެއިތުރުން ރައީސް މުއިއްޒުގެ ކެބިނެޓް މެންބަރުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިން ތިން މެންބަރުން އަލުން މަގާމުތަކަށް އައްޔަން ކުރި މައްސަލައާ ގުޅިގެން އީވާ ހުށަހެޅުއްވި ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުންވެސް އެޖެންޑާގައިވެއެވެ.
ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން މިއަދު ކުރިއަށް ގެންދަން އެޖެންޑާ ކޮށްފައި ވަނީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓާމެދު ގޮތެއް ނިންމުމެވެ.
މަޖިލިސް ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާ ކުރީ މީގެކުރިން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު ޖަލްސާ ބާއްވަމުން އައިގޮތަށް ބަދަލުގެނެސް، ބޭނުންވާ ދުވަހެއްގައި ޖަލްސާ ބާއްވަން މަޖިލިސް އިދާރާއިން ނިންމުމާ ގުޅިގެން، މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް އެ ތިންދުވަހު މަޖިލިސް ޖަލްސާތައް ކުރިއަށްގެންދިއުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ގޮވާލާފައި ވަނިކޮށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަވަނީ އެގޮތަށް ޖަލްސާތައް ބޭއްވުމަށް ގޮވާލައި މަޖިލީހަށް މައްސަލަވެސް ހުށަހަޅުއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *