ރައީސް، ތިޅާދޫގައި ވާހަކަފުޅު ދައްކަވަނީ

ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ތުޅާދޫ ރައްޔިތުން ދިގު އިންތިޒާރެއް ކުރަމުންދާ އެއާޕޯޓުގެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ބ. ތުޅާދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ތުޅާދޫގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ތުޅާދޫގެ ދުރު ރާސްތާ އަދި މެދު ރާސްތާ ޕްލޭނަށްޓަކައި، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަދި ހަމައެއާއެކު މިއަހަރު، ތުޅާދޫގައި އިތުރު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާއަށްވެސް ތަރައްޤީ ގެނައުމަށްޓަކައި ތުޅާދޫގައި ކުރައްވާނެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި، އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

ރައީސް ވަނީ ސިނާޢީ ގޮތުން މަސްވެރިކަމާ ލިޔެލާ ޖެހުމަކީ ތުޅާދޫގައި ކުރާ މަސައްކަތްތަކެއް ކަމުގައި ފާހަގަ ކުރައްވައި މީގެން ކޮންމެ ސިނާޢަތަކަށްވެސް ކުރިއެރުން ލިބޭނެ މަގުފަހި ކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވިދާޅުވެފައެވެ. އަދި ޚާއްޞަކޮށް ލިޔެލާ ޖެހުމަކީ ވަރަށް މަދުން ފެންނަ ސިނާއަތަކަށް ވެފައި އަދި ދިވެހި ޤައުމިއްޔަތާ، ދިވެހިވަންތަ ކަމާވެސް، ގުޅިފައިވާ ސިނާޢަތެއްކަން ފާހަގަ ކުރައްވައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ލިޔެލާ ޖެހުން ކިޔަވައިދީ ދަސްކޮށްދޭ މަރުކަޒެއް ޤާއިމު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ތުޅާދޫއަކީ، ބ. އަތޮޅުން ރައީސް ވަޑައިގެންނެވި ހަތްވަނަ ރަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *