މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ޙަސަން ލަތީފް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ޤަވައިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލަ ހުށަހަޅައިފި

ޤަވައިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލަ ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް، ނުބާއްވާތީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގައި ތިންވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާއްމު ޖަލްސާތައް މަދުވެގެން ހަފްތާއަކު ތިން ދުވަހު ބާއްވަން ވާނެ ކަމަށް މަޖިލިސް ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ޖަލްސާތައް ބާއްވަންޖެހޭ ދުވަސްތަކާއި ތާވަލް އޮންނަންޖެހޭ ގޮތް އެ ގަވާއިދުގެ 25 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެ ދުވަސް ތަކަކީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަހަތާއި ގުޅުންހުރި އަދި ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ޒިންމާތަކާ ގުޅުން ހުރި އެތައް މަސައްކަތް ތަކެއް މިހާރުވެސް ކުރަން ހުރިއިރު މަޖިލިސް ޤަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް މަޖިލިސް ޖަލްސާތައް ނުބާއްވައި ހުއްޓުވާލެއްވުމަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް ބޮޑު ގެއްލުމެއްވާނެ ކަމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެކަމަކީ ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުވައި ފާރަވެރިވުމަށް މަޖިލީހުން ކުރަންހުރި މަސައްކަތް ތަކަށް ހުރަސް އެޅިގެންދާ ކަމަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހަސަން ލަތީފް ހުށަހެޅި މައްސަލައިގައި ވަނީ ގޮވާލައްވައިފައި ވެއެވެ.

މަޖިލިސް ޖަލްސާތައް އާއްމުކޮށް ބާއްވަމުން އަންނަ ދުވަސް ތަކުގައި ޖަލްސާތައް ނުބާއްވަން މިހަފްތާއިން ފެށިގެން ވަނީ ނިންމައިފައެވެ. މަޖިލިސް އިދާރާއިން ބުނީ ޖަލްސާތައް ނުބާއްވަން ނިންމީ، ޕާޓީ ތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާ ކޮށްފައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *