"ހަވީރު" އަކީ ޑރ. ޒާހިރުގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

"ހަވީރު" އަކީ ޑރ. ޒާހިރުގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

"ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫޤު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި އަދި އެ ދެ ތަނުން ލިބުނު ނަފާގެ އެއްވެސް މިންވަރެއް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށް، އަދި މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

 

މި މައްސަލައަކީ ދުވަހު ނޫސް "ހަވީރު" ނެރުމަށާއި "ހަވީރު" ގެ ޗާޕުހާނާ، ވިޔަފާރީގެ ގޮތުން ހިންގުމަށްޓަކައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުالله ފާރޫހު ހަސަން އާއި މުހައްމަދު ޒާހިރު ހުސައިން އަދި މުހައްމަދު ނައީމްގެ މެދުގައި 31 މާޗް 1983 ވަނަ ދުވަހު "ހަވީރު ނޫސް އެޖެންސީ" އުފެއްދުމަށް ވެފައިވާ ފައުންޑަރުންގެ އެއްބަސްވުމާ ހިލާފަށް، މުހައްމަދު ޒާހިރު ހުސައިން އަމަލުކޮށްފައިވާ ކަމަށް ބުނެ، މި މައްސަލައިގައި ކޯޓުން ހުކުމެއް ކުރުމާ ހަމައަށް، "ހަވީރު ނޫސް އެޖެންސީ" އަށާއި، "ހަވީރު" ދުވަހު ނޫހަށާއި ޗާޕުހާނާއަށް ލިބިފައިވާ ފައިދާގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާ އާއި އަބްދު الله ފާރޫގު ހަސަނާ ދެ މީހުންކުރެ ކޮންމެ މީހަކަށް ހަތަރުބައިކުޅަ އެއްބައި (25 އިންސައްތަ) ނަގައިދިނުމަށާއި އެމީހުންނަށް ވާ ހިއްސާގެ މިލްކުވެރިކަމުގެ ހައްގު ރައްކާތެރިކޮށްދީ، ނިގުޅައިގަނެވިފައިވާ ކަމަށް ބުނާ މި ދެމީހުންގެ ހައްގު އަނބުރާ ލިބިދިނުން އެދި، އެ ދެމީހުންގެ ފަަރާތުން ޒާހިރު ހުސައިންގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެކެވެ.

އެ މައްސަލަ ބެލުމަށް ފަހު 2014 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ހަވީރު ނޫހާއި ޗާޕު ހާނާއަކީ 1983 ގައި ވެފައިވާ އެއްބަސް ވުމުގެ ދަށުން އުފެދި، ހިންގަމުން އައިސްފައިވާ ތަންތަން ކަން ސާބިތު ނުވާ ކަމަށެވެ.

އެހެންކަމުން އެ ދެތަނުގައި އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގުގެ ހިއްސާއެއްވާ ކަމަށް ބެލެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. އެކަން އެގޮތުގައި އޮތުމުން ހަވީރު ނޫހާއި ޗާޕު ހާނާ ހިންގައިގެން ލިބިފައިވާ ނަފާއިން އެ ދެމީހުންނަށް އެއްވެސް މިންވަރެއް ދިނުމަށް ޒާހިރު ހުސެއިންގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން، އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލައި 25 އޯގަސްޓް 2015 ގައި ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްފައެވެ.

 

މީގެއިތުރުން 31 މާޗް 1983 ގެ އެ އެއްބަސްވުމަކީ މިހާރުވެސް ވުޖޫދުގައި އޮތް އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމާ އެއްގޮތަށް ޒާހިރު ހުސެއިންގެ ފަރާތުން އަމަލުކޮށްފައި ނުވާކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރުނޫސް އެޖެންސީ އާއި އެ އެޖެންސީގެ ދަށަށް ބަދަލުކުރެވި، އެ އެޖެންސީން ހިންގަމުން ދިޔަ ތަންތަނާއި ތަކެތީގެ މިލްކުވެރިފަރާތަކީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހަވީރުނޫސް އެޖެންސީގެ ފައުންޑާ މެމްބަރުންކަން ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެމަތިން އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުالله ފާރޫގާ ދެމީހުން ކުރެ ކޮންމެ މީހަކަށް "ހަވީރު" ނޫސް އެޖެންސީ އާއި އެތަނުގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި މުދަލުގެ 25 ޕަސެންޓް ހިއްސާ ލިބިގެންވާކަން ޝަރީއަތަށް ސާބިތުވާތީ، އެ ތަންތަނުން ލިބިފައިވާ ޖުމްލަ އާމްދަނީން ލިބިފައިވާ ފައިދާގެ ތެރެއިން އެ ދެމީހުންނަށް ލިބެންވާ މިންވަރާއި އަދަދު ކަނޑައެޅުމަށް، އެ މައްސަލަ ދަށުކޯޓަށް ހުށަހެޅުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވާ ކަމަށް ހުކުމް ކުރާ ކަމަށްވެސް އެ ހުކުމުގައިވެއެވެ.

މި މައްސަލަ ޒާހިރު ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ފުރަތަމަ ހުށަހެޅުމުން 2019 ވަނަ އަހަރު އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ޑރ. ޒާހިރަށް ދޭން ނުޖެހޭ ކަމަށެވެ.

ނަމަވެސް އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެދި ޑރ. ޒާހިރުގެ ފަރާތުން ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި އެދުނެވެ. އެ ނިންމުން މުރާޖައާ ކުރުމަށްފަހު، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ އެ ނޫހުގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންނަށް ލިބިގެންވާ ކަމަަށް 2022 ޖޫން 13 ގައި ސުޕްރީމް ކޯޓުން ނިންމިއެވެ.

އެކަމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ޒާހިރު ހުސެއިންގެ ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ، ހަވީރު ނޫސް އެޖެންސީގެ މިލްކުވެރިކަމުގެ މައްޗަށް ހަވީރު ނޫހާއި ޗާޕުހާނާ ފުރޮޅިގެން ދިޔަ ގޮތް އެ ދައުވާގައި ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ގާނޫނީ ސުވާލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަވީރު ނޫހަކީ ޒާހިރު ހުސެއިންގެ މަސްއޫލުވެރިކަމުގެ ދަށުގައި 27 ޑިސެމްބަރު 1975 ގައި ރަޖިސްޓްރީ ކޮށް 1 ޖެނުއަރީ 1979 ގައި ނެރެން ފެށި ނޫހެއް ކަމަށާއި އެއީ ޒާހިރު ހަރަދު ކުރައްވައިގެން ހިންގެވި ނޫހެއް ކަމަށާއި އެކަމުގައި އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެކަން ސާބިތު ކުރުމަށް މުއިއްޒު ވަނީ ޤާނޫނީ ގިނަ ނުކުތާ ތަކެއް ފާހަގަ ކުރައްވައިފައެވެ.

 

މި މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ، މި މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށް ބެލެވޭނެ ހަމައެއް ނެތްކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމް ބާތިލްކަމަށް ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު، އާއިޝާ ޝުޖޫންގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމް ދީދީވަނީ ތާއީދު ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *