އިންތިޚާބުގެ ބިލް ތަސްދީގު ކުރުން ލަސްވާނަމަ ކޯޓަށް ދާނަން: އެމްޑީޕީ

އިންތިޚާބުގެ ބިލް ތަސްދީގު ކުރުން ލަސްވާނަމަ ކޯޓަށް ދާނަން: އެމްޑީޕީ

ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވާ ގޮތަށް މަޖިލީހުން އިއްޔެ ފާސްކުރި ބިލް ތަސްދީގު ކުރުން ލަސްވާ ނަމަ، ކޯޓަށް ދާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނު، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، ރޯދަ މަހު އިންތިޚާބުތައް ނުބާއްވާ ގޮތަށް އިންތިޚާބު ތަކުގެ ޢާންމު ޤާނޫނަށް މަޖިލީހުން އިސްލާހު ގެނައިބިލް ތަސްދީގު ކުރުމަކީ މިހާރު ރައީސް ޑރ. މުއިއްޒު އަށް އޮތް އިޚްތިޔާރެއް ނޫން ކަމަށެވެ.

ރޯދައިގެ ފަހުން އިންތިބު ބާއްވާ ގޮތަށް މަޖިލީހުން އިއްޔެ ބިލް ފާސްކުރީ ތަސްދީގު ކުރަން ރައީސް ޑރ. މުއިއްޒަށް މަޖުބޫރުވާ ގޮތަށެވެ.  އަންނަ ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، އެކަން ބަދަލުކޮށް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާހު ގެންނަން ފުރަތަަ މަޖިލީހުން ފާސް ކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އަދި މިމަހު 13 ގައި އެ ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިއެވެ.

ނަމަވެސް ޤާނޫނު އަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތުގައި ބިލް ތަސްދީގު ނުކުރައްވައި މިދިޔަ ހޯމަ ދުވަހު އެބިލާ މެދު މަޖިލީހުން އަލުން ވިސްނުމަށް އެދި ބިލް އަނބުރާ މަޖިލީހަށް ރައީސް ވަނީ ފޮނުއްވާލައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ބިލް އަނބުރާ ފޮނުވައިލެއްވީ، ބަންޑާރަ ނައިބުގެ ލަފާފުޅުގެ މަތިން، ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *