ހުސްގޮނޑި ނުލައި ކޯރަމް ނުގުނޭނެ ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފި

ހުސްގޮނޑި ނުލައި ކޯރަމް ނުގުނޭނެ ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފި

ހުސް ގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ޤަވާއިދު ބަދަލު ކުރުމަކީ ޤާނޫނު އަސާސީއާއި ޚިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެ  ހުކުމް ކޮށްފިއެވެ.

އަށްޑިހަ ހަތް މެންބަރުން ހިމެނޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 80 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ކޯރަމް ގުނުމަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރީ، ހުސްވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާގައެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި، ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އިންތިޚާބު ކުރެއްވުމުގެ އިތުރުން އެމަނިކުފާނުގެ ކެބިނެޓާއި ބައެއް ސިޔާސީ މަގާމު ތަކަށް މަޖިލީހުގައި އޭރު ތިއްބެވި ބައެއް މެންބަރުން އައްޔަން ކުރެއްވުމާ ގުޅިގެން އެ ބޭފުޅުން މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ ދައުރު ނިމެން ހަ މަސް ދުވަހުގެ މުއްދަތެއް އޮއްވައި ބައި އިލެކްޝަންތައް ނުބޭއްވުމަށް ޤާނޫނުގައި ކަނޑަ އަޅާފައިވާތީ، އެ ގޮނޑި ތަކަށް މެންބަރުން އިންތިޚާބު ނުކުރަން އިލެކްޝަންސް ކޮމިޝަނުންވެސް ނިންމުމާ ގުޅިގެންނެވެ.

ޤަވާއިދު އެގޮތަށް ބަދަލުކުރި ސަބަބު ތަކުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމާއި ބައެއް ކަންކަން ނިންމުމަށް ބޭނުންވާ ކޯރަމް ހޯދުމުގައި ދަތިތަކެއް ދިމާވުން ހިމެނޭ ކަމަށް މަޖިލީހުން ފާހަގަ ކޮށްފައިވެއެވެ. ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލިސް ޤަވާއިދުގެ 49 ވަނަ މާއްދާއަށް މި ބަދަލު ގެނައުމާއެކު، އެއީ ޤާނޫނު އަސާސީއާއި ހިލާފަށް ގެނައި ބަދަލެއް ކަމަށްބުނެ، އެކަން ބާތިލު ކުރުމަށް ބަންޑާރަ ނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑަ އަޅަންދެން މަޖިލިސް ޤަވާއިދަށް ގެނައި އިސްލާހަށް އަމަލު ނުކޮށް، ކުރިންވެސް ގުނަމުން އައި ގޮތަށް މަޖިލީހުގައި ތިބީ 87 މެންބަރުންގެ ގޮތުގައި ކޯރަމް ގުނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އޭޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނެވެ.

އޭޖީ އެދުނު ގޮތަށް މިމަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ނެރުނު ކަމަށް ވިޔަސް އެ އަމުރަށް ނުބަލައި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލީހުގައި ތިއްބެވީ 80 މެންބަރުންގެ ގޮތުގައި ބަލައިގެންނެވެ. ނަމަވެސް މަޖިލިސް ޤަވާއިދުގެ 49 (ޅ)ގެ ފަހަތަށް ތިން އަކުރު ތަކެއް އިތުރުކޮށްގެން ގެނައި އެ އިސްލާހު، އޭގެ ފަހުން މަޖިލީހުގެ އާއްމު ކޮމިޓީން ބާތިލްކޮށް މަޖިލިސް ޤަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއްގެ ގޮތުގައި ހިމެނިއެވެ.

އެގޮތުން ޤަވާއިދުގެ 242 ވަނަ މާއްދާގެ އެކެއްގެ ގޮތުގައި ހިމަނާފައިވާ މި މައްދާގެ (ހ)ގައި ބުނަނީ، ޤާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކި ވުމުގެ ސަބަބުން މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާއްމު އިންތިޚާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން، ހުސްވި ގޮޑިއަކަށް މެންބަރަކު އިންތިޚާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ. އަދި (ށ)ގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އަންނަ ބަދަލު، އެ ބަދަލެއް އަންނަ ތާރީޚާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.

ކޮމިޓީން ގެނައި މި ބަދަލު މިމަހު 19 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓުންނެވެ. އެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ.

ޤަވާއިދަށް ގެނައި މި ބަދަލާއެކު މަޖިލީހުގެ މެންބަރުން ގުނަމުން އައީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެން ކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުންގެ ވޯޓުން ރައީސްއާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.

ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާގެ ފަހަތަށް އެ މާއްދާގެ (ކ) އާއި (އ) އާއި (ވ) ގެ ގޮތުގައި ގެނައި އިސްލާހުގެ މައްސަލައަށް ވެފައި އެ އިސްލާހު މަޖިލީހުން ބާތިލް ކޮށްފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބާ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި ބަންޑާރަ ނައިބުގެ ފަރާތުން އެދިފައި ވަނީ، އެ އަކުރުތައް ބާތިލް ކުރިނަމަވެސް އެ އަކުރު ތަކަކީ ބާތިލް އަކުރު ތަކެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށެވެ.

އެހެން ކަމުން ސުޕްރީމް ކޯޓުން މި މަައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކޮށްފައި ވަނީ، މަޖިލިސް މެންބަރު ކަމުން އިސްތިއުފާދިން މެންބަރުންގެ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ޖުމްލަ އަދަދު ގުނުމަކީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލާއި، 72 ވަނަ މާއްދާގެ ދަށުން އިންތިޚާބީ ދާއިރާތައް ތަމްސީލު ކުރެވޭ ގޮތާއި، 26 ވަނަ މާއްދާގެ (ނ)ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަށާއި، އަދިހަތަރު ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

ހުސް ގޮނޑިތައް ނުހިމެނޭ ގޮތަށް، ޤާނޫނު އަސާސީގައި ބަޔާން ކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު، މަޖިލީހުން މާނަ ކޮށްފައި ވަނީ ޤާނޫނު އަސާސީގެ 18 މާއްދާއަކާ ތައާރަޒުވާ ގޮތަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ޤަވާއިދަށް އިތުރު ކޮށްފައިވާ، 49 ވަނަ މާއްދާގެ (ކ) (އ) އަދި (ވ) އަކީ ޤާނޫނު އަސާސީގެ 286 ވަނަ މާއްދާއަށް ރިއާޔަތްކޮށް ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ޤަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްވީނަމަވެސް އެ އަކުރު ތަކަކީ މިހާރު މަޖިލީހުން ބާތިލް ކޮށްފައިވާ އަކުރު ތަކެއް ކަމުން އެ އަކުރު ތަކާމެދު ކޯޓުން އަޅައިދެވޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.

މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *