ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވައި ލެއްވި، މަޖިލިސް އިންތިޚާބު ފަސް ކުރުމުގެ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ދާދި ދެންމެއަކު ފާސްކޮށްފިއެވެ.
އަންނަ ރޯ ދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، އެކަން ބަދަލުކޮށް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރީ މިމަހުގެ 11 ގައެވެ. އަދި މިމަހު 13 ގައި އެ ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިއެވެ.
ނަމަވެސް ޤާނޫނު އަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތުގައި ބިލް ތަސްދީގު ނުކުރައްވައި މިދިޔަ ހޯމަދުވަހު އެބިލާމެދު މަޖިލީހުން އަލުން ވިސްނުމަށް އެދި ބިލް އަނބުރާ މަޖިލީހަށް ވަނީ ފޮނުއްވާލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ބިލް އަނބުރާ ފޮނުވައިލެއްވީ، ބަންޑާރަ ނައިބުގެ ލަފާފުޅުގެ މަތިން، ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.
ބަންޑާރަ ނައިބު ދެއްވި ލަފާފުޅުގެ ތެރޭގައި މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރަޒުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އެޅިދާނެ ފަދަ އިޖުރާއަތުތައް ކަނޑައަޅާފައިވާކަން ފާހަގަ ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެހެންކަމުން އެކަންކަން އިސްލާހު ކުރެއްވުމަށްޓަކައި ބިލަށް ބަދަލު ތަކެއް ގެންނަން ޖެހޭކަމަށް ބަންޑާރަ ނައިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައި ވާތީ ބިލު އަނބުރާ ފޮނުވާލެއްވީ ކަމަށް ބިލު އަނބުރާ ފޮނުއްވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެެވެ. އަދި އެ ބިލު ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފު ކަމަށް ބަންޑާރަ ނައިބު ފާހަގަ ކުރައްވާފައިވާ ނުކުތާތައް އެ ސިޓީގައި ބަޔާން ކޮށްދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މިބިލު އަނބުރާ ފޮނުއްވައި ލެއްވެވި ސަބަބު ބަޔާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަޒު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީފުޅުގައި ވަނީ، އެ ބިލުން ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ޤާނޫނު ތަކާއި ޤާނޫނު އަސާސީއާއި ޚިލާފު ވާކަމަށް އެމަނިކުފާނަށް ގަބޫލު ކުރެވޭ ޕޮއިންޓްތައް ފާހަގަ ކުރައްވާފައެވެ.
އެބިލު އަނބުރާ ފޮނުވައިލުމުން އެކަމަށް ގޮތަށް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ގެނަސް މިއަދުގެ ޖަލްސާގައިވަނީ ބަހުސް ކޮށްފައެވެ. އަދި ބިލު އޮތްގޮތަށް އަލުުން މަޖިލީހުން ފާސް ކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބުދުﷲ ވަނީ ތާއީދު ކުރައްވައިފައެވެ.
އެ ހުށަހެޅުމާ ގުޅިގެން މަޖިލީހުން ބިލް ދެވަނަ ފަހަރަށް ފާސްކުރީ އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސް ކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.
ބިލް މިގޮތަށް ފާސް ކުރުމުން ޤާނޫނު އަސާސީ ބުނާގޮތުން ބިލް ތަސްދީގު ކުރުން ރައިސުލްޖުމްހޫރިއްޔާއަށް ލާޒިމު ވާނެއެވެ. މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގު ކުރުމާ ބެހޭގޮތުން ޤާނޫނު އަސާސީގައި ބުނަނީ، މަޖިލީހުން ފާސްވާ ކޮންމެ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ވާނެއެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރަންވާނެއެވެ. ނުވަތަ އެ ބިލާ މެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވަންވާނެއެވެ.
އަނބުރާ މަޖިލީހަށް ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހުން ފާސްވެގެން ތަސްދީގު ށކުރުމަށް ފޮނުވާ ބިލެއް ތަސްދީގު ކުރަން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާމެދު އަލުން ވިސްނުމަށް ނުވަތަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރީ ކަމަށް ބަލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.